ދިވާލީ އަށްފަހު ދިއްލީގެ ވައި އިންތިހާއަށް ތަޣައްޔަރުވެއްޖެ

 އިންޑިޔާގައި ފާހަގަކުރާ ހިންދޫ އިންގެ ދީނީ އިހުތިފާލެއްކަމުގައިވާ ދިވާލީ އަށްފަހު، އެޤައުމުގެ ވެރިރަށް ނިއު ދިއްލީގެ ވައިގެ ސާފުކަން އިންތުހާ ދަރަޖައަށް ދަށަށް ގޮސްފިއެވެ. އިންސާނުން ނޭވާލުމަށް ނުރައްކާވާ މިންވަރަށް ދިއްލީގެ ވައި ނުސާފުވެފައިވަނީ، ދިވާލީގައި ބޭނުންކުރާ ފަޓާސް އަދި އެފަދަ އެހެން އެއްޗެހީގެ ސަބަބުންނެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ދިވާލީ ފާހަގަކުރުމަށް ފަޓާސްފަދަ އެއްޗެހި ގޮއްވާފައިވަނީ އާދީއްތަ ދުވަހުގެ ރެއެވެ. ހޯމަ ދުވަހަށް އަލިވިލުންއިރު، މުޅި ސިޓީގެ ވައި ނުސާފުވެފައިވާއިރު، މުޅި ސިޓީގައިވަނީ ބޯ ދުންގަނޑެއް ފެތުރިފައެވެ.

ކޮންމެ އަހަރަކުވެސް، ދިވާލީއާ ދިމާކޮށް ދިއްލީގެ ވައި ނުސާފުވާއިރު، މި ދީނީ އިހުތިފާލު ފާހަގަކުރުމަށްފަހު ފަޓާސްފަދަ ބާވަތްތައް ބޭނުން ނުކުރުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އަމުރެއް ނެރެފައެވެ. އެހެންނަމަވެސް، މި އަމުރަށް ބޯލަނބާފައިވަނީ ވަރަށް މަދު އަދަދެއްގެ މީހުންނެވެ.

2018 ވަނަ އަހަރުގެ ދިވާލީ އަށްވުރެ މި އަހަރުގެ ނިސްބަތުން ވައި ސާފުކަމުގައިވިޔަސް، ވައިގެ ސާފުކަން މިންކުރާ ބައިނަލްއަޤުވާމީ މިންގަނޑުތަކުން ބަލާއިރު، އިއްޔެ ދިއްލީގެ ވައި ހުރީ ހުންނަން ޖެހޭ މިންވަރަށްވުރެ 20 ގުނަ މަތީގައެވެ. މާނައަކީ، އެއީ އިންސާނުން ނޭވާލުމަށް އެކަށީގެންވާ ވައެއް ނޫންކަމެވެ.

ކަމުގެ މާހިރުން ބުނާގޮތުގައި، ދިއްލީ އާއި އެޤައުމުގެ އެހެން ސިޓީތަކުގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން، އަހަރަކު މިލިއަނެއްހާ މީހުން އެޤައުމުން މަރުވެއެވެ. ދިވާލީގެ އިތުރުން، ދަނޑުތަކުގައި ހުންނަ ހުއިތައް ރޯކުރުމުގެ ސަބަބުންވެސް ވައި ތަޣައްޔަރުވާން މަގުފަހިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ