ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ދާދި ދެންމެ ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ހައްދުންމައްޗާ ހަމައަށެވެ.
މިރޭ 22:00 އިން މެންދަމުންއަލިވެ 03:00 އަށް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert Yellow for torrential rain, thunderstorms and gusts of 50 mph. pic.twitter.com/bppyz3hvqv
— Maldives Meteorology (@MetMaldives) October 30, 2019
ރާއްޖެ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން މެދުރާއްޖެތެއާއި އުތުރަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ވިދާޅުވެފައިވާއިރު، މިއަދު މެންދުރުފަހުން ފެށިގެން އުތުރުގެ އަތޮޅުތަކަށް މެޓް އޮފީހުން ދަނީ މެދުކެނޑުމެއްނެތި ޔެލޯ އެލާޓް ނެރެމުންނެވެ.
މެޓް އޮފީހުން ވިދާޅުވީ، މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާ ކަމަށެވެ.
"ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުން އެދެން." މެޓް އޮފީހުން ވިދާޅުވިއެވެ.



