މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު - ފޮޓޯ: ޕީއެސްއެމް

އެމްއެމްޕީއާރުސީގެ ތަޙްޤީޤަށް މިނިސްޓަރ ޒަހާ ފުލުހަށް ހާޒިރުކޮށްފި

އެމްއެންޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙްޤީޤަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޟިރުކޮށް ބަޔާން ނެގިކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒަހާ ވަހީދު ފުލުހަށް ހާޟިރުކޮށް އެމައްސަލައިގައި ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ.

މިނިސްޓަރ ޒަހާ ވަހީދު ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާކަމުގެ މަޢުލޫމާތު އިތުބާރުހިފޭ މަސްދަރަކުން މިނޫހަށް ލިބިފައިވީ ނަމަވެސް، ކަމާބެހޭ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިކަން ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން މިނޫހުން ފުލުހުގައި ސުވާލުކުރުމުން ރޭ ވިދާޅުވީ އެކަން ބެލުމަށްފަހު ޖަވާބު ދެއްވާނެ ކަމަށެވެ. ނަމަވެސް މިއަދާ ޖެހެންދެންވެސް ޖަވާބު ލިބިފައި ނުވާތީ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން މިކަމާ ގުޅިގެން ވަކި އެއްޗެއް ވިދާޅެއް ނުވިއެވެ.

މިނިސްޓަރ ޒަހާ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތަޙްޤީޤަށް ފުލުހަށް ހާޟިރުކުރިކަމުގެ މަޢުލޫމާތު ލިބުނުއިރު، ޔޫތް މިނިސްޓަރ މަޙްލޫފްވެސް ވަނީ އަވަހަށް ތަޙްޤީޤުކޮށް ނިންމުމަށް އެދިލައްވާފައެވެ. އަދި ބައެއް ފަރާތްތަކުން އަމިއްލައަށް ފުލުހަށް ހާޟިރުވެފައިވެސް ވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ބައެއް މަޖިލިސް މެންބަރުންގެ އިތުރުން ބައެއް ފަނޑިޔާރުންވެސް ބައިވެރިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ބިޝާމް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ