"ނޯ މަނީ ފޮރ ޓެރަރ - މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" ގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، މިއަދު ތަޤްރީރުކުރައްވައިފިއެވެ.
އޮސްޓްރޭލިޔާގެ މެލްބަންގައި މިމަހުގެ 6 އިން 8 އަށް ކުރިއަށްދާ މި ބައިނަލްއަޤްވާމީ މަހާސިންތާގައި ތަޤްރީރުކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުން ހުއްޓުވުމަށްޓަކައި، މި ސިޔާސަތުގެ ދަށުން، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އެކަމަނާ ގެ ވާހަކަ ފުޅުގައި ބައްލަވާލައްވާފައިވެއެވެ.
މިނިސްޓަރ މާރިޔާ ވަނީ، މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމުގައި، ޤައުމީގޮތުންނާއި ސަރަޙައްދީގޮތުންނާއި ބައިނަލްއަޤްވާމީގޮތުން އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ.
ޓެރަރިޒަމްގެ ޤާނޫނަށް އިސްލާހުތަކެއް ގެނެސް ސަރުކާރުން ވަނީ ޓެރަރިޒަމްގެ އަމަލުތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައެވެ.



