ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރާޢްޖޭގައި ހިންގަމުން ގެންދާ ޖިހާދީ ޖަމާޢަތުން ރާވައިގެން ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވި ރިޕޯޓްގެ ހުލާސާގައި ބުނެފައިވަނީ އަފްރާޝީމް އަވަހާރަކޮށްލީ ޖިހާދީ ޖަމާޢަތުން ކަމަށާއި، އެ ޖަމާއަތް ހިންގަނީ މާލޭ ދަފްތަރު 471 މުޙައްމަދު މަޒީދުއާއި ތ.އޮމަދޫ އަތިރިމާގޭ ސާމިތު މުޙައްމަދު ކަމަށެވެ.
ރިޕޯޓް ބުނާގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސްމީހަކީ ބޮޑެތި ތުހުމަތުތަކެއް މީގެ ކުރިންވެސް ކުރެވިފައިވާ އަޒްލިފް ރައޫފްއެވެ. އަދި އަވަހާރަކޮށްލުމުގެ ޢަމަލީ މަސައްކަތް ކޮށްފައިވަނީ އަފްރާޝީމް މަރުގެ ދައުވާ ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހުމާމް އާއި އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރު އަލީ ޝާން (ސަޓޯ) އެވެ.
މި މައްސަލައިގެ ދައުވާ ހުމާމްގެ މައްޗަށް ސާބިތުވެފައިވީ ނަމަވެސް، އޭރު ދައުވާ އުފުލި ޢަލީ ޝާން (ސަޓޯ) ގެ މައްޗަށް ކުށް ސާބިތުވެފައި ނުވާއިރު، އެ މައްސަލައިގައި ކުޑަކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލިއެވެ.
މިއަދު ޢާއްމުކުރި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހުލާސާ ރިޕޯޓަށް ބަލާއިރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި އަދާލަތު ޕާޓީއަށްވެސް ތުހުމަތުތަކެއް ކުރެއެވެ.



