ވެމްކޯ މުވައްޒަފެއްގެ ބޮލުގައި ކުނިކޮތަޅަކުން ޖަހާ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މާރާމާރީ ހިންގާފައިވަނީ މިރޭ 19:45 ހާއިރު މާލޭ، ފަނޑިޔާރުމަގު ކަމަށެވެ.
މިރޭ މި މާރާމާރީ ހިންގާފައިވަނީ ރަޖިސްޓްރީ ނުކޮށް ވެމްކޯގެ ވެހިކަލަކަށް ކުނި އަޅަން އުޅުމުން އެކަން މަނާކުރުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
"2019 އޮކްޓޯބަރ 19 ވަަނަ ދުވަހުގެ 19:45 ހާއިރު ފަނޑިޔާރުމަގުގައި ހުރި ގެއަކުން ނިކުތް ފިރިހެނަކު (ވެމްކޯގައި ރަޖިސްޓްރީ ނުކޮށް) ވެމްކޯ ވެހިކަލަށް ކުނި އަޅަން އުޅުމުން، އެކަން ނުކުރުމަށް އެތާ ހުރި ވެމްކޯގެ މުވައްޒަފަކު ބުނުމުން، އެމީހާ ކުނިކޮތަޅުން ވެމްކޯ މުވައްޒަފުގެ ބޮލުގައި ޖެހުމަށްފަހު ދިޔަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ވެމްކޯގެ މުވައްޒަފުންނަށް މަގުމަތިން އަނިޔާކުރުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވާއިރު، މިރޭގެ މި މާރާމާރީގެ މައްސަލަވެސް ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.




