ރޭ އިރުއޮއްސި 6:50 ހާއިރު ހުޅުމާލޭ ފޭސް އެކެއްގައި ތޫނުއެއްޗަކުން އަންހެނަކަށް ހަމަލާދިން މީހާއަކީ ނަފްސާނީ ބަލިމީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އުމުރުން 25 އަހަރުގެ މިމީހާ މަންމައަށް ތޫނުއެއްޗަކުން ހަމަލާދީފައިވަނީ އާއިލާ ތެރޭ ޖެހުނު މައްސަލައެއްގައި ކަމަށާއި ހަމަލާ ލިބުނު މަންމައަކީ 51 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މަންމައަށް ރޭވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ރޭ ބުނެފައިވަނީ، މަންމަގެ ހާލު ސީރިއަސް ކަމަށެވެ.
ހަމަލާދިން ފިރެހެންމީހާ އާއި ގުޅޭގޮތުން ފުލުހުން އިތުރަށް ބުނެފައިވަނީ، އެމީހާއަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.




