ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގު އިން ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ބުރޫއަރައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެއްޖެއެވެ.
ކުރިނބީއަށް ދެމުންދިޔަ ދިރާގުގެ ޚިދުމަތްތަކަށް ބުރޫ އަރާފައިވަނީ ރޭ އިރާކޮޅު 08:15 ހާއިރުއެވެ. އެވަގުތުން ފެށިގެން ކުރިނބީއަށް ދިރާގުގެ އިންޓަނެޓާއި، ޑޭޓާ އަދި 3ޖީގެ ޚިދުމަތް މެދުކެނޑިފައިވާއިރު، ކޯލް ކުރުމުގައި ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މިކަމާއި ގުޅިގެން ކުރިނބީ އިން ވާހަކަދެއްކި ފަރާތްތަކުން ބުނީ، ދިރާގުގެ ޚިދުމަތްތައް މެދުކެނޑުމުން ދަތިތަކާ ކުރިމަތިވެ ކަސްޓަމަރ ކެއަށްއަށް މައްސަލަ ހުށަހެޅި ކަމަށާއި، ރޭ މެންދަމު 12:00 ހާއިރު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ވިދާޅުވެފައިވާ ކަމަށެވެ.
ރޭ އިރާކޮޅުން ފެށިގެން ދިރާގުގެ ޚިދުމަތްތައް އެރަށަށް ކެނޑިފައިވާއިރު އެ މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމެއް ފޮނުވައިގެން މަސައްކަތް ފަށާފައި ނުވާކަމަށް އިތުބާރުހުރި މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވެއެވެ. އެރަށާ ދާދި ގާތުގައި އޮންނަ ކުޅުދުއްފުށިން ޓެކްނިކަލް ޓީމެއް މައްސަލަ ހައްލުކުރުމަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް މިނޫހަށް ވަނީ އެނގިފައެވެ.
ދިރާގުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ޢާއްމުންގެ އިތުރުން އެރަށުގެ ސަރުކާރުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތަތަކަށްވެސް ވަނީ ބުރޫ އަފާރައެވެ.
ހދ. ކުރިނބީއިން ދިރާގުގެ ނެޓްވޯކް ކެނޑުމަކީ ޢާއްމު ކަމަށްވެފައިވާއިރު، އެކަމުގެ ޝަކުވާތައް އެރަށު ރައްޔިތުން ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެ ކުންފުނި ނުކުޅެދިފައިވާކަމަށްވެސް އެރަށުން ވާހަކަދެއްކި ފަރާތްތަކުން ބުނެއެވެ.
މިކަމާ ގުޅިގެން ދިރާގުގު މީޑިއާ އޮފިޝަލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.



