މަގުމަތީގައި ބާރަށް ދުއްވާ ފަރާތްތައްކަށް މިހާރަށް ވުރެވެސް ބޮޑެތި އަދަބު ދޭންޖެހޭކަމުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.
މަޙްލޫފު މިހެން ވިދަޅުވެފައިވަނީ ނުރައްކާތެރިކޮށް ނުވަތަ ބާރަށް މަގުމަތީގައި އުޅަނދުތައް ދުއްވާ މީހުން ބޮޑެތި އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހައެޅި އިސްލާހާ ގުޅިގެންނެވެ.
މަޖިލީހަށް ހުށައަޅާފައިވާ މި އިސްލާހުގައި ބުނާ ގޮތުން ކަނޑައެޅޭ ދުވެއްޔަށް ވުރެ ބާރަށް އެއްވެސް މީހަކު އެއްގަމު އުޅަނދެއް ދުއްވައިފިނަމަ އަދަބެއްގެ ގޮތުން ފުރަތަމަ ފަހަރު، 1،000ރ. އިން ޖޫރިމަނާ ކުރެވޭނެކަމަށާއި، ދެވަނަ ފަހަރު ނަމަ، 1،500ރ. އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރަށް ނަމަ، އިތުރުވާ ކޮންމެ ފަހަރަކު 2،000ރ. އިން ޖޫރިމަނާ ކުރެވި، އެ އުޅަނދެއް 15 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށެވެ.
މި އިސްލާހާއި ގުޅިގެން މިނިސްޓަރ މަޙްލޫފު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އެމަނިކުފާނަށް ޤަބޫލުކުރެވޭ ގޮތުގައި މިއަށްވުރެވެސް އަދަބު ބޮޑުވާން ޖެހޭނެކަމަށެވެ. "ބާރަށް އަދި ނުރައްކާތެރިކޮށް ދުއްވައިގެން މީހުންގެ ފުރާނަ ގެއްލި އަދި ނުކުޅެދޭ މީހުންނަށް ވެފައިވާއިރު، މިކަން ހުއްޓުވަން މިއަށްވުރެ ހަރުކަށިވާންޖެހޭ" މަޙްލޫފު ވިދާޅުވެފައިވެއެވެ.
މަގުމަތީ ބާރަށް ދުއްވުން ހުއްޓުވަން ޖެހޭ ކަމަށް މަޙްލޫފު ވިދާޅުވެފައިވާއިރު، ދާދި ފަހުންވެސް ވަނީ ބަހަކުން ޖެހި ކުޑަކުއްޖެއް މަރުވެފައެވެ. މި އެކްސިޑެޓްގައި ބަސް ދުއްވަން އިންޑްރައިވަރު މިހާރު ވަނީ ދޫކޮށްލާފައެވެ.
މަގުމަތީގައި ހިނގާ އެކްސިޑެޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާ އިރު، މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ބުރިޖްމަތީގައި ދުއްވާއިރު ހެލްމެޓް އެޅުންވެސް ސަރުކާރުން ވަނީ މަޖުބޫރު ކޮށްފައެވެ.




