މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ތިން އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ނ. ރ އަދި ޅ އައޮޅަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރެއްވި މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، އެއަތޮޅުތަކުގައި ހުރި ގޮންޖެހުންތަކާއި، އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަތުމުގެ ބޭނުމުގައި ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރެއްވި މިދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިނިސްޓަރ ވަޑައިގެންނެވީ ރ. އަތޮޅަށެވެ. އެ އަތޮޅުގެ ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކުރައްވާ އާންމު ރައްޔިތުން ބައިވެރިކޮށްގެން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅިގެން ވަނީ މަޝްވަރާކުރައްވާފައެވެ.
Minister @ali20waheed today concluded the R. Atoll Tourism Stakeholder Engagement Conference with fruitful discussions between Parliament Members, Local Councils and Tourist facilities. pic.twitter.com/S7DbLR7bTO
— Ministry of Tourism (@MoTmv) November 28, 2019
ރ. އަތޮޅާށްފަހު ނ. އަދި ޅ އަތޮޅަށްވެސް މިނިސްޓަރ ވަނީ ޒިޔާރާތްކުރައްވާފއެވެ. މި ދެ އަތޮޅުގައިވެސް މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވަވާފައެވެ.
މިނިސްޓަރގެ ދަތުރުފުޅުގައި މަޖިލީހުގެ މެމްބަރުންނާއި ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާ މުހިއްމު މަޝްވަރާތަކެއް ކުރިއަށްދިޔަކަމަށް ވެސް ޓޫރިޒަމް މިނިސްޓަރީން ވަނީ ވިދާޅުވެފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު މާދަމާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި އެ ދާއިރާތަކުގެ މެމްބަރުންނާއި ރަށްރަށުގެ ކައުންސިލަރުންނާއެކު މުހިއްމު މަޝްވަރާތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.



