ބޮޑު ސަރަހައްދަކަށް އަނެއްކާވެސް އެލާޓް ނެރެފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ނެރުނު އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ.

ރޭ ފަތިހު 05:30 އިން މިއަދު ހެނދުނު 10:00 އަށް މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ހައްދުންމައްޗާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން އިތުރަށް ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.

މިއަދު ހެނދުނު 10:15 އިން ހަވީރު 04:15 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

"ވައިޖެހޭނީ އިރާއި އިރުދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކަުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ.

"ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީވެ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދެން." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ