ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިރާއިން ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ މިއަދު 16:15 އިން ފެށިގެން މިރޭ 22:00 އާއި ހަމައަށް އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާކަމަށެވެ.
މާދަމާ 10:00 އާއި ހަމައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ވައިޖެހޭނީ އިރާއި އިރުދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމުގައިވެސް މެތް އޮފީހުން ބުނެފައިވެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެކަމަށް ވިދާޅުވެ މެޓް އޮފީހުން ވަނީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުން އެދިފައެވެ.
މީގެ އިތުރުން ރާއްޖެ ކައިރީގައި ބާރުގަދަ ތިން ކޮޅިގަނޑު އުފެދިފައިވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ ކޮޅިގަނޑުތައް ކުރިޔަށް އޮތް 36 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވާނެކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.




