ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މިއަދު 14:15 އިން 19:00 އަށް ނެރެފައިވާ މި އެލާޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އެލާޓް ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދުގެ ހެނދުނުވެސް ވަނީ ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފައެވެ. އޭގެ ފަހުންވެސް މެދުރާއްޖެތެރެއާއި ދެކުނަށް ކުރަމުންދާ ވިއްސާރައިގައި ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވެއެވެ.

ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

“ދެކުނު އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ.  ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވޭ.” މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ