މަކްތަބާ ސަލަފިއްޔާގެ ބޭފުޅުންގެ އަމަލުތައް އިސްލާމީ އުސޫލަށް ނުފެތޭކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މީސްތަކުން ކެޓަގަރައިސްކޮށް، ތިމާމެންގެ ފިކުރާ ދިމާނުވާ ބަޔަކާއި ހަތަރުކަޅި ހަމަނުކޮށް، ސަލާމް ގޮވިޔަސް ބަލައިނުގަނެ މޫނު އަނބުރާލާފައި ދާ މަކްތަބާ ސަލަފިއްޔާގެ ބޭފުޅުންގެ އަމަލު ތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭނެ ކަންތަކެއް ނޫން ކަމަށެވެ.
Meesthakun categorise koh, thimaa men ge fikuraai dhimaa nuvaa bayakaai 4 kalhi hama nukoh, Salam goviyas balai nugane moonu anburaalaafai dhaa @SalafiMV ge beyfulhun ge amalu thakaky evves gothakun islami usoolah fetheyne kanthah thakeh noon.
— Dr Mohamed Iyaz (@dr_iyaz) December 21, 2019
އަދި "ފިތުނަ ފަސާދަ އުފައްދަވަން ނޫޅުއްވާ އިސްލާހުގެ މަގު އިޚްތިޔާރު ކުރުމަށް މަކްތަބާ ސަލަފިއްޔާގެ އެންމެ ބޭފުޅުންނަށް ވަސިއްޔަތްކޮށް ނަސޭހަތްތެރި ވަން" ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒު މިމޭރުމުން ވާހަކަފުޅު ދައްކަވައިފައި މިވަނީ މަކްތަބާ ސަލަފިއްޔާގެ ފަރާތުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެބައިމީހުންގެ ފިކުރަކީ ހަރުކަށި ފިކުރު ނޫންކަމަށް ބަޔާންކޮށްފައި ވަނިކޮށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުމުގައި މަކްތަބާ ސަލަފިއްޔާގެ ފަރާތުންވަނީ ޑރ. އިޔާޒުގެ ބައެއް ޓުވީޓުތައް ގެއްނަވައި އެބޭފުޅާއަކީ ހަރުކަށި ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތު ކޮށްފައެވެ.\
ސަރުކާރުން މިފަހުން ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ބާތިލުކުރި އިލްމްވެރިންގެ ތެރޭގައި މަކްތަބާ ސަލަފިއްޔާގެ އިސް އިލްމުވެރިޔެއް ކަމަށްވާ މުހައްމަދު ހަސަން ހިމެނިވަޑައި ގަންނަވައެވެ.



