ދ. ކަނޑިންމާގައި ހިންގާ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފުންތަކެއް ކާނާ ވިހަވެ، ފަރުވާ ދޭން ފަށައިފިއެވެ.
ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކާ ހަވާލާދީ "ސަން" އިން ބުނީ، ރޭ ރޭގަނޑުގެ ނާސްތާއަށް ކެއި އެއްޗެއްގެ ސަބަބުން ގާތްގަނޑަކަށް 15 ވަރަކަށް މުވައްޒަފުން ވިހަވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބެލެވެނީ ރޭގަ ނެގި ޑިނާގައި ކޮންމެވެސް މައްސަލަތަކެއް ހުރެގެން ކަމަށް. ހެނދުނު މި މައްސަލަތައް ފާހަގަ ކުރެވުނީ. ގާތްގަނޑަކަށް އެބަ އުޅޭ 15، 16 މީހުން [ވިހަވެގެން]. އޭގެ ތެރޭގައި ބިދޭސީންވެސް ހިމެނޭ،" އެ ރިސޯޓުގެ މުވައްޒަފަކު "ސަން" އަށް ބުނެފައިވެއެވެ.
އެ މުވައްޒަފުންގެ ކިބައިން ބޭރަށް ހިނގުމާއި ހޮޑުލެވުންފަދަ ކަންކަން ފެންނަމުންދާ ކަމަށާއި، އެހެންވުމުގެ ސަބަބުން ގައިގެ ވަރުދެރަވެ ތުރުތުރު އަޅަމުންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކާނާވި މުވައްޒަފުންނަށް އެ ރިސޯޓުގައި ހުންނަ ކްލިނިކުގައި ފަރުވާދެމުންދާކަމަށާއި، އެ ކްލިނިކަކީ ފެންވަރު ރަނގަަޅު ކްލިނިކެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާތަނަށް 70 އެއްހާ މުވައްޒަފުން އެ ކްލިނިކަށް ދައްކާފައިވާ ކަމަށާއި، ވިހަވުމުގެ އަލާމާތްތައް ފެންނަ މުވައްޒަފުންގެ އަދަދު އިތުރުވަމުންދާ ކަމަށްވެސް އެ ރިސޯޓުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ކަނޑިންމަ ރިސޯޓުގެ ރަސްމީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.




