ޕާކިސްތާނު އެމްބަސީ އިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް އޮފީސް އިކިއުޕްމެންޓްތަކެއް ހަދިޔާ ކުރައްވައިފިއެވެ.
މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ހަދިޔާކުރެއްވެވީ ޕާކިސްތާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) މިސްޓަރ ވަސީމް އަކުރަމް އެވެ. މި އިކިއުޕްމަންޓްތައް ހަދިޔާ ކުރައްވާފައިވަނީ 2020 ޖަނަވަރީ 07 ވަނަ ދުވަހުއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ޕާކިސްތާނު އެމްބަސީ އިން ސީ.އެސް.ޓީ.އައި އަށް ހަދިޔާ ކުރައްވާފައިވަނީ 10 ޑެސްކްޓޮޕާއި، 5 ލެޕްޓޮޕާއި، 6 އެއަރ ކޮންޑިޝަނަރސް ގެ އިތުރުން 3 ޕްރޮޖެކްޓަރުކަމަށެވެ. އަދި މި އަހަރުގެ މެދު ތެރޭގައި ސީ.އެސް.ޓީ.އައި އަށް ކާޕެޓްތަށްވެސް ހަދިޔާކުރުމަށްވަނީ ހަމަޖެހިފައިވާކަމުގައި އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އިކިއުޕްމަންޓްތައް ހަދިޔާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ޕާކިސްތާނު ސަރުކާރާއި ޕާކިސްތާނު އެމްބަސީއިން ސިވިލް ސަރވިސް ކޮމިޝަނާއެކު ބާއްވަވާ ގާތްގުޅުން ފާހަގަކުރައްވައި އެކަމަށްޓަކައި ޕާކިސްތާނު ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރައްވަވާފައެވެ.

އޭގެ އިތުރުން އެ އެމްބަސީން ހަދިޔާ ކުރެވުނު ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ސީ.އެސް.ޓީ.އައިގެ ޚިދުމަތްތައް އަތޮޅުތަކަށް ވަރަށްބޮޑަށް ފުޅާކުރެވިގެންދާނެކަމަށާއި އަދި މިއީ ތަމްރީނުތަކަށް ވަރަށް ބޭނުންތެރި އަދި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަން ފާހަގަކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ސަފީރު ވަނީ ސިވިލް ސަރވިސް ކޮމިޝަނާއި ޕާކިސްތާނާއި އޮންނަ ގާތް ގުޅުން ފާހަގަ ކުރައްވާފައެވެ. އަދި ޕާކިސްތާނުގެ ސަފީރު ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ 5 ބޭފުޅަކަށް ޕާކިސްތާނަށް ވަޑައިގެންނެވުމަށް ދަޢުވަތުވެސް އަރުވާފައެވެ.
ޕާކިސްތާން އެމްބަސީ އިން ވަނީ 2017 ގައިވެސް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް 2 ސްމާރޓްބޯޑް ހަދިޔާކުރައްވަވާފައެވެ.



