ރޭޕް މައްސަލައާއި ގުޅުން ހުރި މުއައްސަސާތަކުގެވެރިން މަޖިލީހަށް ހާޒިރު ކުރަނީ

ރޭޕް މައްސަލައާއި ގުޅުން ހުރި މުއައްސަސާތަކުގެވެރިން މަޖިލީހަށް ހާޒިރު ކުރަން ނިންމަފައިވިއެވެ.

އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރު ނުވާ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އައުމާގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް 17 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ ވަނީ
ބާއްވަވާ އެކަމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ، ކަމާގުޅޭ މަޢުލޫމާތު
ސާފުކުރެއްވުމުގެ ގޮތުން ކްރިމިނަލް ކޯޓަށާއި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، 18 ޖަނަވަރީ 2010 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ކްރިމިނަލް ކޯޓުގެ ބޭފުޅުންނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފް.ސީ.ޕީ.ޑީ)ގެ އިސްވެރިން އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުން އަދި ގއ. ކަނޑުހުޅުދޫ ކައުންސިލުގެ ރައީސާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށް ވެސް ވަނީ މި ބައްދަލުވުމުގައި ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަމަށް ބޭނުންވާ ޤާނޫނުތައް ހެދުމުގެ މަސައްކަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދަވާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ.

އެގޮތުން 28 އަހަރަށްފަހު ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު މި މަޖިލީހުން ފާސްކުރައްވާ މިހާރުވަނީ ތަސްދީޤުކުރައްވާފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ކުޑަކުދިންނާގުޅޭ މި ފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ
ކުރިމަށްޗަށް ގެނައުމަށާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަޤީންކަން މަޖިލީހުން ވަނީ އަރުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ