ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ ދަންވަރުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މިރޭ އިރާކޮޅު ނެރުނު އެލާޓް ފަތިހާ ހަމައަށް ދިގުދަންމާލައިފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިރޭ މެންދަމު 00:30 އިން ފަތިހު 05:30 އަށް ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި، އެލާޓް ނެރެފައިވާ ސަރަހައްދަށް އެވްރެޖް ގޮތެއްގައި 23 މޭލާއި، 29 މޭ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
Strong winds are prevailing over the area. Alert white has been extended. pic.twitter.com/ByGRp7uY91
— Maldives Meteorology (@MetMaldives) January 22, 2020
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި، ގުގުރުން އެކަށީގެންވާ ކަމަށެވެ.
"އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.




