ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓް - ފޮޓޯ: އެމްއެންޑީއެފް

ހާލުގައި ޖެހުނު ލަންކާގެ މަސްބޯޓު ހުޅުމާލެއަށް ވައްދައިފި

އިންޖީނު ހުއްޓިގެން ހާލުގައިޖެހި އޮޔާދިޔަ ލަންކާގެ މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މިއަދު ހެނދުނު 06:10 ހާއިރު ހުޅުމާލެއަށް ވައްދައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ސްރީލަންކާގެ ހަ މީހުންނާއެކު ދަތުރުކުރި މި ބޯޓުގެ އިންޖީނު ހުއްޓި، ހާލުގައި ޖެހި އޮޔާދާކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިމަހުގެ 23 ވަނަ ދުވަހުގެ 17:00 ހާއިރު ކަމަށެވެ.

"ފުރަތަމަ ރިޕޯޓް ލިބުނުއިރު، އެ ބޯޓު އޮތީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުގައި. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނިޓަރ ކުރަމުން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ފަހުން، ކ.ދިއްފުށީގެ އިރުއުތުރުން ގާތްގަނޑަކަށް 58 ނޯޓިކަލް މޭލު ބޭރުގައި ވަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް ވަނީ އެ ސަރަޙައްދަށް ގޮސް ލަންކާގެ މަސްބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދުޢަލީގެ ބެލުމުގެ ދަށުން މި ބޯޓު މިއަދު ހެނދުނު ހުޅުމާލެ ބަނދަރަށް ވައްދާފައިވާއިރު، އެ ބޯޓުގައި ތިބި ލަންކާގެ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ