ޤައުމީ ބަޠަލުންނަށް ގޮންޖަހައި، އެހެން ދީންތައް ފުރުޞަތު ހޯދަދޭން ބަޔަކު މަސައްކަތް ކުރާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސްއިން މިހެން ވިދާޅުވެފައިވަނީ، އިއްޔެ ފާހަގަކުރި ދިވެހިރާއްޖޭގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި، ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ރޭ މެންދަމު ނެރުނު ނޫސްބަޔާނެއްގައެވެ.
ޕްރޮގްރެސިވް ކޮންގްރެސްއިން ވިދާޅުވީ، ހުރަވީ ދުވަސް ފާހަގަ ކުރެވެމުން ދާއިރު، ދޮންބަންޑާރައިންފަދަ ޤައުމީ ބަޠަލުން ކުރެއްވި މިންނަތް މަސައްކަތްޕުޅުތަކުގައި ކޮޅުފައިންޖަހައި، އެބޭފުޅުންނަށް ގޮންޖަހާ މިޤައުމަށް އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ހޯދައިދިނުމަށް ބަޔަކު މަސައްކަތް ކުރަމުން ދާކަން ހިތާމައާއެކު ފާހަގަ ކުރައްވާ ކަމަށެވެ.
"މިފަދަ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މިންވަރަކަށް މަސައްކަތް ނުކުރައްވާކަމީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް. އަދި ހަމައެފަދައިން މިޤައުމަށް މީގެ ކުރިން އައިސްފައިނުވާ ވަރަށް ބޭރުގެ ނުފޫޒު ވަނުމަށް އަދުގެ ސަރުކާރުން ފުރުޞަތުތައް ތަނަވަސްކޮށްދެއްވަމުން ގެންދަވާކަމީވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ނުހަނު ކަން ބޮޑުވާކަމެއް." ޕްރޮގްރެސިވް ކޮންގްރެސްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބޭރުގެ ނުފޫޒު ގަދަ ފަރާތްތަކުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ތޮޅި، ރާއްޖޭގައި އޮތް މަތިވެރި އިސްލާމް ދީން ފޮހެލުމަށް އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށާއި، މިއިން ކޮންމެ ފަހަރަކުވެސް، ޤައުމީ ރޫޙު އަށަގެންފައިވާ ދިވެހި ދަރިން ތެދުވެ ޤައުމުގެ އިސްލާމްދީނާއި، މިނިވަންކަން އަނބުރާ ދިވެހިންނަށް ވަނީ ހޯއްދަވައިދެއްވާފައިވާ ކަމަށް އަދި އެފަދަ ޤައުމީ ބަޠަލުން ދެއްކެވި ހިތްވަރުގަދަކަމުން ފިލާވަޅު ލިބިގަނެ، އެ ބޭފުޅުންގެ ޒިކުރާތައް ދިރުވާ ޢާލާކޮށް، ޤައުމީ ރޫޙު އާލާ ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވިއެވެ.
ހުރަވީ ދުވަސް، ނިސްބަތްވެވަޑައިގަންނަވަނީ، 4 ވަރަކަށް މަސް ވަންދެން (ކަނޑުފޭރޭ) މަލާބާރީން ނުވަތަ ހޮޅީންގެ އަތްދަށުގައި ޤައުމު އޮތް އޮތުން ނިމުމަކަށް ގެނައުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މެދުވެރިކުރެއްވި ދޮންބަންޑާރައިންގެ ނަންފުޅުން މަޝްހޫރުވެފައިވާ، އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއަށެވެ.
ދޮންބަންޑާރައިން، މަލާބާރީންގެ ލަޝްކަރާއި ހަނގުރާމަ ކުރައްވާ އެމީހުން ބަލިކުރައްވާ ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވާފައިވަނީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 3 ވަނަ ވިލޭރޭ ކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ. އަދި މީގެ އިތުރުންވެސް މަލާބާރީންގެ ލަޝްކަރުތައް ދިވެހިރާއްޖެއާ ދިމާކޮށްފައިވާކަންވެސް އެފަދަ ލިޔުންތަކުން އެންގެން އޮތްއިރު، މިއިން ކޮންމެ ފަހަރަކުވެސް އެ މަލާބާރީންގެ ލަޝްކަރުތަކާއި ކުރިމަތިލައްވާ އެމީހުން ބަލިކުރެއްވައި ޤައުމު ސަލާމަތްކުރެއްވުމުގައި އިސްވެ ހުންނެވި ޤައުމީ ބަޠަލަކީ ހަމަ ދޮންބަންޑާރައިންނެވެ.
1441 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ ތަޙުނިޔާއާއި މުބާރަކްބާދީ ޕީޕީ.އެމް.ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގަޔާއި، ޕްރޮގްރެސިވް ކޮންގްރެސްގެ ލީޑަރޝިޕްގެ ފަރާތުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެންމެހާ މެންބަރުންނަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްފައިވެއެވެ.




