ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މާދަމާ އިން ފެށިގެން ޗައިނާއިން ރާއްޖެއަށް އެއްވެސް ގައުމެއްގެ މީހަކަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.
މި ނިންމެވުމަކީ ސީދާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ނިންމެވުމެއް ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދު ވިދާޅުވީ ޗައިނާ މަގުން އެއްވެސް ގައުމެއްގެ މީހަކަށް ޗާޓަރު ފްލައިޓެއްގައިވެސް ރާއްޖެ އެތެރެ ނުވެވޭނެ ކަމަށެވެ.
"ޗައިނާ މީހުންނަށް ރާއްޖެ ނާދެވެނީކީ ނޫން. ރެކޯޑަށްޓަކާ އަޅުގަނޑު އެކަންވެސް ފާހަގަކޮށްލަން. މިސާލަކަށް ޗައިނާ މީހެއް އިނގިރޭސި ވިލާތުގައި ދިރިއުޅ މީހެއް، ނޫނީ ޗައިނާ ޔޫއެސް ސިޓިޒެންއެއް ވިއްޔާ، އާދެވޭނެ ރާއްޖެ. އެކަމަކު މިރޭ ބާރައިން ފެށިގެން ނާދެވޭނެ އެއްވެސް މީހަކަށް ޗައިނާއަށް ދަތުރު ކުރި. އެއީ ކޮންމެ ނޭޝަނަލިޓީއެއް ވިޔަސް." އަލީ ވަހީދު ވިދާޅުވި އެވެ.
ޗައިނާގެ ވޫހާން ގައި ތިބި 7 ދިވެހިން މިއަދު ވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިއާއަށް ގެނައްސައެވެ. މި 7 މީހުން ރާއްޖެ ގެންނާނީ އިންޑިއާގައި ކަރަންޓީނުކޮށްފައި ބެހެއްޓުމަށް ފަހުއެވެ.



