ހދ. ކުމުންދޫގައި މި ދުވަސްވަރު ހަލުވިކަމާއެކު ފާނަ ބަސަންދު (ޗިކަން ޕޮކްސް) ފެތުރެމުންދާކަން އެރަށު ޞިއްޙީ މަރުކަޒުން ހާމަކުރައްވައިފިއެވެ.
ފާނަ ބަސަންދު ފެތުރޭތީ އެކަމަށް ސަމާލުކަން ދިނުމުގެ ގޮތުން ކުމުންދޫ ޞިއްޙީ މަރުކަޒުން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ވިދާޅުވެފައިވަނީ އެރަށުގައި ފާނަބަސަންދު ހަލުވި ކަމާއެކު ފެތުރެމުންދާކަން އެ ސެންޓަރަށް ފާހަގަ ކުރެވިފައިވާކަމަށެވެ.
މި ބައްޔަކީ ވައިރަސްއެއްގެ ސަބަބުންޖެހޭ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވާތީ ބަލި ފެތުރުން ކޮންޓްރޯން ކުރުމަށްޓަކައި ސަމާލުކަން ދޭންވީ ކަންތައްތައް އެ މަރުކަޒުން ވަނީ ފާހަގަ ކޮށްދެއްވާފައެވެ.
އެގޮތުން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މި ދަންނަވާ ކަންތައްތަކަށް ސަމާލުކަމެއް ދެއްވުމަށް އެންމެހާ ރައްޔިތުންނަށް އެ މަރުކަޒުން ވަނީ އިލްތިމާސްކުރައްވާފައެވެ.
• ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން / ސެނިޓައިޒަރ ބޭނުން ކުރުން
• ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
• ބަލިޖެހިފައިވާ މީހުން ބަލި ރަނގަޅު ވަންދެން ގޭގައި މަޑުކުރުން
• ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން.
• ހުނައައިސް ހަށިގަނޑުގައި ރަތްކުލައިގެ ބިހި ފޮޅު ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން
• ގިނަގިނައިން މީހުންއެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މިދުވަސްވަރު ތާވަލް ނުކުރުން.
• ހުންއައިސް ރޯގާޖެހިފައި ތިބޭ ކުދިން ސްކޫލަށް ނުފޮނުވުން