މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލާގެ ފަރާތުން ފޯރުކޮށްދޭން ބޭނުންވާ އަންނައުނު ފޮނުވުން މެދުކަނޑާލި އުޞޫލަށް ބަދަލު ގެނެސް، މިއަދުން ފެށިގެން އެ ފަރާތްތަކަށް އަންނައުނު ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.
ކަރެކްޝަންގެ އާންމު އުޞޫލު ނަންބަރު:AU-2020/03 (ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ޢާއިލާގެ ފަރާތުން ފޯރުކޮށްދިނުން) އަށް މިއަދު އަމަލުކުރަން ފަށައި، ކަރެކްޝަންގެ ވެބްސައިޓްގައި އެ އުޞޫލު ވަނީ ޝާއިޢުކޮށްފައިވާއިރު، އެއުޞޫލައަށް އަމަލުކުރަން ފެށުމާއިގުޅިގެން އަންނައުނު ފޮނުވުން މެދުކަނޑާލި ޚާއްސަ އުޞޫލު ނަންބަރު:KU-2017/05 (ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައުނު ހޯދުން) ވަނީ ބާޠިލްކޮށްފައެވެ.
އަދި މިބަދަލަކީ “ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019” ގައިވެސް މި ސަރވިސްއަށް އިސްލާހުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއްކަންވެސް ކަރެކްޝަންސްއިންވަނީ ވިދާޅުވެފައެވެ.
ކަރެކްޝައިން ވިދާޅުވީ، 15 އޮކްޓޯބަރ 2017 ން ފެށިގެން އަންނައުނު ފޮނުވުން މެދުކަނޑާލާފައިވަނީ ގައިދީންނަށް އަންނައުނު މެދުވެރިކޮށް މަސްތުވާތަކެތި ޖަލަށް ވެއްދުމަށް މަސައްކަތްކުރުމުގެ ހާދިސާތައް ގިނަވަމުން ދިއުމުގެ ސަބަބުންކަމަށާއި، އަލަށް އެކުލަވާލެވުނު އުޞޫލުގައިވެސް އަންނައުނު މެދުވެރިކޮށް ޖަލަށް ވެއްދުން މަނާތަކެތި ވައްދަން މައްސަކަތްކުރާކަމަށް ފާހަގަ ކުރެވިއްޖެނަމަ، ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓްކޮށް، އެ ފަރާތްތަކަށް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށް ބަޔާންކުރެވިފައިވާނެކަމަށެވެ.
އަދި ޢާއިލާއިން ގެންނަ އަންނައުނު ބަލައިގަންނާނީ މާލެ ޖަލުގެ ރިސެޕްޝަނުން ކޮންމެ ހޮނިހިރު ދުވަހެއްގެ 9:00 އިން 14:00 އަށްކަމަށްވެސް ކަރެކްޝަންސްއިންވަނީ ވިދާޅުވެފައެވެ.
ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުންނަށް ބޭނުންވާ އަންނައު އާއިލާގެ ފަރާތުން ފޯރުކޮށްދިނުން




