މާދަމާ އޮންނަ ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި އައްސޭރި ޖަލުގައި ތިބި ގައިދީންތަކެއް ވޯޓް ނުލާން ނިންމައިފިއެވެ.
އޮންލައިން ނޫސް ސީއެންއެމްގައި އެފަރާތްތަކުގެ އާއިލާއާއި ހަވާލާދީ ބުނެފައި ވަނީ އެ ޖަލުގައި ތިބި ގައިދީން ވޯޓު ނުލާން ނިންމާފައި ވަނީ އެމީހުންނަށް ދޭން ބުނެފައިވާ އެއްވެސް ލުޔެއް އެމީހުންނަށް ދީފައި ނުވަތީ ކަމަށެވެ.
އެފަރާތްތަކުގެ އާއިލާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި އައްސޭރި ޖަލުގައި ގައިދީން ބައިތިއްބާފައި ތިބީ އިންސާނުން ގެންގުޅެން ހެޔޮވާވަރުގެ ތަނެއްގައި ނޫންކަމަށެވެ. މީގެ އިތުރުންވެސް ޖަލުގައި ތިބޭއިރު، ލިބެންވާ ބައެއް އަސާސީ ޙައްޤުތަކައި ތަނުގެ ސާފުތާހިރުކަން ކުޑަކަންވެސް އެފަރަތްތަކުގެ އާއިލާ އިން ވަނީ ފާހަގަ ކޮށްފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ ވޯޓް ލުން މާދަމާ އޮންނާނެއެވެ. ވޯޓް ލުމަށް މާލެ ސަރަހައްދުންނާއި މޮނިޓަރިންގައިވާ ރަށްރަށުގެ އިތުރުން ރިސޯޓްތަކުންވެސް މިހާރު އެއްރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ.
މީގެ އިތުރުން ގައިދީންނަށްވެސް ވޯޓް ލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
ވޯޓް ލުމަށް އެއްރަށުން އަނެއްރަށަށް ދަތުރު ކުރުމުގެ ހުއްދަދިން ނަމަވެސް މިފަދަ ފަރާތްތަކަށްވެސް ދަތުރުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެޗްޕީއޭ އިން ވަނީ ކަނޑައަޅާފައެވެ.




