އިންޑިއާގައި ރޭޕުގެ ޝިކާރައަކަށްވި އަންހެން ކުއްޖެއްގެ ބައްޕަ އެކުއްޖާ ރޭޕުކުރި މީހާ ބަޑިޖަހާ މަރާލައިފި އެވެ.
މިހާދިސާ ހިނގައިފައިވަނީ އިންޑިއާގެ އުތަރަޕުރަދޭޝް ސުޓޭޓުގައެވެ. މައުލޫމާތު ލިބޭގޮތުގައި އަންހެން ކުއްޖާގެ ބައްޕައަށް ރޭޕިސްޓް ހަމަލާދީފައިވަނީ ރޭޕުގެ މައްސަލަ އެކުއްޖާގެ އާއިލާއިން ފުލުހަށް ހުށަހެޅުމުންނެވެ.
އަންހެން ކުއްޖާގެ ބައްޕަ މަރުވެފައިވަނީ ބަޑިން ދިން ހަމަލާގައި ލިބުނު ގެއްލުމަށް ފަރުވާކުރަމުން ދަނިކޮށް ހޮސްޕިޓަލުގައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހަމަލާދިން މީހާ އަދި ހައްޔަރުކުރެވިފައި ނުވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަންހެން ކުއްޖާގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރޭޕުގެ މައްސަލަ ހުށަހަޅައިފައި ވާނެކަމަށާއި އެމައްސަލަ ހުށަހެޅުމާއެކު އެ މައްސަލަ ނެގުމަށްބުނެ އެއާއިލާއަށް ރޭޕިސްޓު އަންގައި ބިރުދައްކަމުން އައިސްފައިވާ ކަމަށެވެ. އަދި އާއިލާއިން ބިރުދައްކަމުންދާ ކަމުގެ މައުލޫމާތުވެސް ފުލުހުންނާއި ހިއްސާކޮށްފައިވާނެ ކަމަށާއި ނަމަވެސް ފުލުހުން އާއިލާގެ ރައްކާތެރި ކަމަށް ފިޔަވަޅެއް އަޅައިފައި ނުވާކަމަށެވެ.
އިންޑިއާއަކީ އަންހެނުންނަށް އަނިޔާކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ގައުމެކެވެ. ހާއްސަކޮށް ރޭޕްކުރުންފަދަ ޖިންސީ އަނިޔާތައް ފާހަގަ ކޮށްލެވެއެވެ.
ރޭޕުގެ ޝިކާރައަށްވާ ފަރާތްތަކުގެ އެންމެބޮޑު އެއްޝަކުވާއަކަށް ވެފައި އޮންނަނީ ރޭޕުގެ މައްސަލަތައް ފުލުހަށް ހުށަހެޅި ނަމަވެސް ލިބެންވާ ރައްކާތެރިކަން ފުލުހުންގެ ފަރާތުން ނުލިބޭކަމުގެ ޝަކުވާއެވެ.



