ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ކުރިނބީގައި ކުރިއަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން - ފޮޓޯ: ވިސާމް

މިރޭ 12 އިން ފެށިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށޭނެ

މިރޭ މެންދަމު 12 އިން ފެށިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށޭނެކަމުގައި ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ވިދާޅުވެފައިވަނީ ޤާނޫނު ނަންބަރު 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވާފައިވަނީ 20 ނޮވެންބަރު 2019 ގައިކަމަށާއި، އެ ޤާނޫނުގައި ބަޔާންކުރަނީ، އެ ޤާނޫނަށް ޢަމަލުކުރަންފަށާނީ، އެ ޤާނޫނު ތަސްދީޤުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންކަމަށެވެ.

އެހެންކަމުން، މިރޭ މެންދަމު 12 އިން ފެށިގެން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނެކަމުގައި މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ. މި ޤާނޫނުން، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަގުފަހިކޮށްދީފައިވެއެވެ.

މީގެ އިތުރުން އެ މުޢާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، ކުޑަކުދިންނާ ގުޅިގެން މައިންބަފައިންނާއި އަދި ކުޑަކުދިން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާތަކަކީ ކޮބައިކަން ކަނޑައަޅައި، އެފަރާތްތައް ޒިންމާދާރުކުރުވައި، އެ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން އެކުދިންނަށް ކުރިމަތިވާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެ ޒިންމާތަކާ ޚިލާފުވާ މައިންބަފައިންނާއި ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތައް މި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

ކުޑަކުދިންނަށް އިޙްމާލުވާ މައްސަލަތަކަކީ ރާއްޖޭގައި ކޮންމެވެސް ވަރަކަށް ފާހަގަ ވަމުންއަންނަ މައްސަލަތަކެކެވެ. އެގޮތުން ދަރިންނަށް ވެކްސިން ނުދިނުމާއި، މައިން ބަފައިންގެ ރުހުމުގައި ކޯޓުން ބޭރުން ކައިވެނި ކުރުން ފަދަ ކަންކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤު ރައްކާތެރިކުރުމުގެ ގޮތުން ދައުލަތުން ޤާއިމުކުރަންޖެހޭ
މަރުކަޒުތަކާއި، ކައުންސިލާއި، ލާމަރުކަޒުކުރެވޭ ޚިދުމަތްތައް ހިންގާނެގޮތުގެ އުސޫލުތަކާއި، ކުޑަކުދިންނަށް އަޅާލުމާއި
ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކުރަންޖެހޭ ޤައުމީ ނިޒާމާއި، އަދި އެ ޙައްޤުތައް ކަށަވަރުކުރުމުގެގޮތުން މި
ޤާނޫނުގައި ހިމެނޭ ކަންކަން ތަންފީޒުކުރާ މިންވަރު މޮނިޓަރކުރުމަށްޓަކައި އުފައްދަންޖެހޭ މިނިވަން މުސްތަޤިއްލު
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެހެންމެ ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެނެވޭނެ އުސޫލުތަކާއި، އެކުދިންނާމެދު ޢަމަލުކުރަންޖެހޭ ގޮތާއި، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ޢާއިލާގެ ލޯތްބާއި އަޅާލުމާއެކު ބޮޑުވުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި، އެކުދިން ފޮސްޓަރކުރެވޭނެ އުސޫލުތައްވެސް ވަނީ މި ޤާނޫނުގައި ކަނޑައެޅިފައެވެ.

މީގެ އިތުރުން ދައުލަތުގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއްވެސް މި ޤާނޫނުން ތަޢާރަފްކުރެވޭއިރު، ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ކުށްތަކަކީ ކޮބައިކަމާއި، އެކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތައްވެސްމި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ