ހދ. ނޭކުރެންދޫ

ނޭކުރެންދޫ ކޯޓުގެ ވޮޗަރަށް ރޭ ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި

ހދ. ނޭކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ ވޮޗަރަށް ރޭ ބަޔަކު ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ހާދިސާއެއް ރޭ އެރަށުގައި ހިނގާފައިވާކަމަށާއި، އެހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 11:50 އާއި 12:00 އާއި ދޭތެރޭކަމަށެވެ.

ޒަހަމްވި މީހާއަށް ރޭ ނޭކުރެންދޫ ޞިއްޙީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ރޭ 12:30 އެކާހަންހާއިރު އިތުރު ފަރުވާއަށް ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފއިވާ ކަމަށް ޢަލީ އާދަމް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބުން ގޮތުގައި ކުޅުދުއްފުއްޓަށް ގެންދަން ނެރުން އިރު އެބޭފުޅާގެ ހޭވެސް ނެތް" ނޭކުރެންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވީ ހަމަލާ ދޭން މެދުވެރިވި ސަބަބެއް އިނގިފައިނުވާ ކަމަށާއި، ނަމަވެސް އެ މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހުން ހަރަކާތްރިވަމުންދާކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މި ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އެ ހޮސްޕިޓަލުން މިހާރު ވަނީ މިއަދު 03:30 ގެ ފުލައިޓުން އިތުރު ފަރުވާއަށް އޭނާ މާލެ ގެންދިއުމަށް ރެފަރ ކޮށްފައިކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ ހދ. ނޭކުރެންދޫގައި ރޭ 23:50 ހާއިރު 60 އަހަރުގެ ދިވެހި ފިރިހެނަކާއިމެދު ބަޔަކު މާރާމާރީ ހިންގައި އަނިޔާ ކޮށްފައިވާ މައްސަލައެއް އެފަރާތަށް ހުށައެޅިފައިވާކަމަށެވެ.

މި މަޢުލޫމާތު ލިބުމުން ފުލުހުން ވަނީ ޒަހަމްވެފައިވާ މީހާ ނޭކުރެންދޫ ޞިއްޙީ މަރުކަޒަށް ގެންގޮފައިކަމަށާއި، އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ޓެސްޓްތައް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެމީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ނަމަވެސް މި މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ދާކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ