ހދ. ނޭކުރެންދޫގައި ޖަލެއް ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޖަލު އެޅުމަށް ދޫކޮށްފައިވާ ބިން ބައްލަވައިލެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ހދ. ނޭކުރެންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ނޭކުރެންދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި އެސްޓޭޝަނުގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލު ކުރައްވައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަ ފުޅުގައި، ކުށްމަދު އަމާން މުޖުތަމަޢެއް ބިނާ ކުރުމަކީ ފުލުހުން އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށާއި، ރައްޔިތުންނާ ވީހާވެސް ގާތުުން އޯގާތެރިކަމާއެކު ޚިދުމަތް ދިނުމަށާއި، ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
މިގޮތުން ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރައްޔިތުންނާ ރީތި ބަހުން މުޢާމަލާތް ކުރުމަށް އެދިލެއްވިއެވެ. މީގެއިތުރުން ފުލުހުންގެ މަސައްކަތާމެދު އުފާކުރައްވާކަމަށާއި، ފުލުހުންގެ މަސައްކަތްކަތް ބަލައިގަންނަ ކަމަށާއި، ފުލުހުން ވާންޖެހޭނީ ރައްޔިތުން ލޯބިވާފަދަ ރައްޔިތުންނަށް ފުލުހުން ފެނުމުން ހިތްހަމަ ޖެހުމާއި ރައްކާތެރިކަން ކަށަވަރު ވެގެންވާ ބައެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ހދ.އަތޮޅުގެ ކޮމާންޑަރ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް ޢާއިޝަތު ނިޝާއާއި، ސްޓޭޝަނުގެ އިންޗާރގެ އިތުރުން ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުގައި މަަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.



