މިދިޔަ އާދިއްތަ ދުވަހު ސްރީ ލަންކާގެ އެކި ސަރަހައްދު ތަކުގައި ޖާނުން ފިދާވެގެން ދިން ނިރުބަވެރި ހަމަލާތަކުގައި މަރުވި ބައެއް ފަރާތްތަކުގެ ޖަނާޒާ މިއަދު ބާއްވައިފިއެވެ.
މިގޮތުން ޖަނާޒާ ބާއްވަަފައިވަނީ އާދިއްތަ ދުވަހުގެ ހަމަލާ އަމާޒުވި، ލަންކާގެ އުތުރރުގައި އޮންނަ ނިގަންގޯގެ ސެއިންޓް ސެބަސްޓިއަންސް ފައްޅީގައެވެ. ހަމަލާތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރުވަނީ 310 އަކަށް އަރާފައެވެ. ޒަހަމްވެފައިވާ ބައެއް ފަރާތްތަކުގެ ހާލު ސީރިއަސްވެ މަރުވި މީހުންގެ އަދަދު މަތިވުމަކީ އަދިވެސް ވެދާނެ ކަމެކެވެ. ހަމަލާތަކުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު 500 އަށް އަރައެވެ.
މިއަދު ހެނދުނު ލަންކާ ގަޑިން 8:30 ގައިވަނީ ހާއްސަ ސުކޫތެއްވެސް ގެނެސްފައެވެ. މިއީ އާދިއްތަ ދުވަހު ފުރަތަމަ ހަބޮން ގޮވާލި ވަގުތެވެ.

ސްރީ ލަންކާގެ ސަރުކާރުން މިހާރު މި ހަމަލާތައް ދިންކަމަށް ތުހުމަތު ކުރަނީ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އަށެވެ. މި ހަމަލާ ތަކާއި ގުޅިގެން މިހާތަނަށްވަނީ 40 މީހަކު ހައްޔަރު ކޮށްފައެވެ. އަދި ސިފައިންދަނީ ތުހުމަތު ކުރެވޭ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.




