ކޮވިޑް-19 އާ ބެހޭ ދޮގު ޚަބަރު ފަތުރާ ނޫސްތަކަށް ފިޔަވަޅު އަޅަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ މީޑިއާތަކުގައި ޝާއިޢުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޙާލަތާ އެކަށީގެންވާ ކޮންޓެންޓެއް ކަމުގައިނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން މި ކައުންސިލުން އެމީޑިއާއަކާ މުއާމަލާތުކުރާނެކަމަށާއި މި ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުނުކުރާ މީޑިއާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުއަޅާނެކަމަށެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ ޚަބަރާއި މައުލޫމާތު
މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު ޚަބަރާއި މައުލޫމާތު ގެނެސް ނުދިނުމަށާއި، މައުލުމާތު އާއްމުކުރުމުގައި ސައްޙަ ތެދު މައުލޫމާތު ގެނެސްދިނުމަށްވެސް ކައުންސިލްގެ މިނޫސްބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން މީޑިއާ ކައުންސިލުން ވިދާޅުވީ، މި ވައިރަހާ ގުޅޭގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި، ސިއްހީ މައުލުމާތު ޙަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަޤްވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިޢުކޮށްފައިވާ މައުލޫމާ ތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަމަށާއި، އެކަން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސްވެރިންނަށް ހަނދާންކޮށްދޭކަމަށެވެ.
މި ހައްސާސް ދަނޑިވަޅުގައި ރާއްޖޭގެ މީޑިއާތަކުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޢަމަލުކުރަމުންދާގޮތް އެކައުންސިލުން ވިލަރެސް ކުރަމުންދާނެކަމަށްވެސް މިބަޔާނުގައި ވެއެވެ.
މިހާތަނަށް އަދި ފަރުވާއެއް އަދި ވެކްސިނެއް އުފެއްދިފައި ނެތް މި ބަލި ރަނގަޅުވާނެ ފަރުވާތައް ކަމަށް ބުނެ އެކި ވާހަކަތައް ވެސް މީޑިއާގެ އެކި ވަސީލަތްތަކުގައި ގެންދަނީ ފަތުރަމުންނެވެ.




