އިދިކޮޅު ލީޑު ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިސްވެ ހުންނަވާ "އިދިކޮޅު މާހެފުން" ބާއްވަން ތައްޔާރުވެއްޖެއެވެ.
އިދިކޮޅު މާހެދުން އުމަރު އިސްވެ ބާއްވަން ތައްޔާރުވަމުންދާއިރު، އުމަރު ވަނީ ޕީޕީއެމް ރީ-ބްރޭންޑްކޮށް ރައީސް ޔާމީން ލަފާދެއްވޭ ހިސާބުގައި ބަހައްޓަވައިގެން އިދިކޮޅު ލީޑް ކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
"އުމަރު 2023" ފޭސްބުކް ޕޭޖް މެދުވެރިކޮށް އުމަރު ވިދާޅުވީ، 3 މެއި 2019 ވާ ހުކުރު ދުވަހުގެ ރޭ 09:00 ގައި "އިދިކޮޅު މާހެފުން" ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ، ޕީޕީއެމް އޮފީހުގެ ކުރިމަތިން އާޓިފިޝަލް ބީޗް ތެރޭގައި ކަމަށާއި، މާހެފުމަށް ވަޑައިގެން ދެއްވުން އެދި އުމަރު ވަނީ އާއްމުކޮށް ދައުވަތު އަރުވާފައެވެ.
އުމަރު އިސްވެހުރެ "އިދިކޮޅު މާހެފުން" ބާއްވަން ތައްޔާރުވަމުންދާއިރު، ޕްރޮގްރެސިވް ކޯލިޝަނުން އިއްޔެ ވިދާޅުވީ، އުމަރުވެސް ޕީޕީއެމްއާ އަދި ޕީއެންސީއާ ގުޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށާއި، ގުޅިވަޑައިގެން ވާދަކޮށް ލީޑަރޝިޕަށް އަދި ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
އުމަރު އިސްވެ ހުންނަވާ މީގެ ކުރިން ހިންގަން މަސައްކަތްކުރި ހަރަކާތްތަކަށް ސަރުކާރުން ހުރަސްއަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.



