ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަރަންޓީނުވާން އަންގާ އެންގުމާ ޚިލާފުވާ ފަރާތައް 5000ރ ގެ ދަށުން ޖޫރިމަނާކުރަނީ

ކަރަންޓީނުވާން ނުވަތަ އެކަހަރިވާން އަންގާ އެންގުމާ ޚިލާފުވާ ފަރާތްތައް -/5000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ އެންގުމެއްގައި ވިދާޅުވީ، އެޗްޕީއޭގެ އެންގުމަކާ ޚިލާފުވާ ކޮންމެ ޚިލާފުވުމަކީ އާންމު ޞިއްޙަތަށް ނުރައްކައުވާ ހާލަތަކަށް މުޖުތަމަޢުގެ އެހެން ފަރާތްތައް ހުށަހެޅިގެންދާނެ ކަމެއް ކަމުގައިވާތީ، އެއިން އެންގުމަކާ ޚިލާފުވާ ކޮންމެ ފަރާތަކާމެދު ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެކަމަށެވެ.

އެގޮތުން އެފަދަ ފަރާތަކާއި މެދު އެޅޭނެ ފިޔަވަޅުތަކެއްގެ ގޮތުގައި އެޗްޕީއޭއިން ވިދާޅުވީ؛

  1. ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން -/5000 (ފަސްހާސް) ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން، އަދި،
  2. ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 82 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އިސްވެ ދެންނެވި އެންގުންތަކާ ޚިލާފުވާ ފަރާތްތަކުގެ ނަން އާންމުކޮށް ހާމަކުރުން.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި
ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި، ކޮވިޑް-19 ޖެހިފައިވާ މީހަކު ނުވަތަ އެ ބަލި ޖެހިދާ ފަދަ ހާލަތަކަށް ހުށަހެޅިފައިވާ މީހަކު، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން ކަރަންޓީނު ކުރުމަށް، ނުވަތަ އެ ފަދަ މީހަކު ނުވަތަ އެ ފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު، އެ މާއްދާގެ (ނ) ގެ 5 ވަނަ ނަންބަރުގެ ދަށުން އެކަހެރިކުރުމަށް އަންގަނީ، އެ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، އާންމު ޞިއްޙަތު ރައްކައުތެރި ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އަދި އެޗްޕީއޭގެ އެންގުން ނެރެފައިވާ ވަގުތުން، (މިއަދު، 18 މާރޗް 2020) އިން ފެށިގެން އެޗްޕީއޭގެ އެންގުމުގައިވާ ގޮތުގެމަތިން ޢަމަލުކުރަމުން ގެންދާނެކަމަށްވެސް އެޖެންސީއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ