ފަރުދާ (ތިންވަނަ ބައި)

(ފަރުދާ ދެވަނަ ބައި)

އަހަރެމެން ކިޔެވުމުގައި އަވަދިނެތި އުޅުނު ނަމަވެސް ކައިވެންޏަށް ބާކީ ދެމަހަށްވީއިރު، ޢާއިލާގެ ބޮޑެތި މީހުން ކައިވެނީގެ ކަންތައްތައް ތައްޔާރުކުރަމުން ދިޔައެވެ. ހުރިހާ ކަމެއްވެސް ހިނގަމުންދިޔައީ އަހަރެމެންގެ ލޮލުގެ ކުރިމަތީގައި، އަހަރެމެން އެންމެ ބޭނުންވާ ގޮތަށެވެ. ކަންތައްތައް ހަމަޖެހުމުންދާގޮތުން އަހަންނަކީ މި ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ ކުއްޖާއޭ އަހަރެންގެ ހިތަށް އަރައެވެ. ދެފަރާތުގައި ލޯބިވާ ދެ ޢާއިލާއެވެ. އެހާމެ އޯގާތެރި ބައިވެރިއެކެވެ. އެއަށްވުރެ ބޮޑު ނަސީބެއް މިދުނިޔެމަތީގައި މީހަކަށް ލިބޭނެހެއްޔެވެ؟

ނަމަވެސް އޭރު ފަރުދާގެ އަނެއް ފަރާތުގައި ރޭވެމުންދިޔައީ ކޮން ކަންތައްތަކެއްކަމެއް އެކަކަށްވެސް ނޭންގެއެވެ.

އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ މީހުން ބުނެ އުޅެއެވެ. ހަމަ އެގޮތަށް އޭގެ އިދިކޮޅުވެސް އަންނާނެކަމުގައި އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. ރައުލްގެ ބައިވެރިއަކަށް ވުމަށް ހުށަހެޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އަހަރެންގެ ޙަޔާތުގައި އައިސްފައިވަނީ ހުސް އުސްގަނޑެވެ. އެކަމަށް އަހަރެން ޝުކުރު ނުކުރަނީކީ ނޫނެވެ. އަހަރެންގެ ހިތުގައި ލޯބީގެ ވިންދު ޖަހަންފެށީ ރައުލް އަށްޓަކައެވެ. އަދި އެ ލޯބި ލިބުން އެއީ ލެއްވި ބޮޑު ނަސީބަކަށް ނޫނީ ނުވާނެކަން އަހަރެން އަބަދުވެސް ގަބޫލުކުރަމެވެ. ނަމަވެސް ކައިވެނި ކުރެވޭ ދުވަސް ކައިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ.

ދުވަސްތައް ގުނަ ގުނާ ހުއްޓާ އެދުވަހަކަށް އަހަރެމެން އިންތިޒާރުކުރަމުން އައި ދުވަސް ޖެހުނެވެ. އެދުވަހު ހެނދުނު ހޭލެވުނީއްސުރެ އެހެން ދުވަސްދުވަހަށްވުރެ އަހަރެންގެ ހިތް ބާރަށް ތެޅޭކަމުގެ އިޙުސާސްކުރެވެމުން ދިޔައެވެ. ކޮންމެވެސް ނުބައި ކަމެއް ވާން އުޅޭކަމުގެ ބިރުވެރިކަން ހިތުގައި ގަދަވިއެވެ. ނަމަވެސް ﷲ އަށް ވަކީލުކޮށްލައިގެން ވަގުތުޖެހެންދެން ކެތްތެރިވަމުން ދިޔައީމެވެ.

ކައިވެނި ކުރުމަށް ހަމަޖެހިފައި އޮތީ ރޭގަނޑު އަށެއް ޖަހާއިރެވެ. އަހަރެމެންގެ ޢާއިލާއާއި، ރައުލް އަދި ޒިޔާންގެ ޢާއިލާއަކީ ވެސް ރަށުގައި ގިނަ ބަޔަކު ޤަދަރުކުރާ ބަޔެއްކަމުން ވަލީމާއަށް ރަށުގެ ގިނަ ޢަދަދެއްގެ ބަޔަކަށް ދަޢުވަތުދެވުނެވެ. އެހެންކަމުން ވަލީމާ ބޭއްވުމަށް ހަމަޖެއްސީ ރަށު ސްކޫލްގެ ހޯލާއި ގޯތި ތެރެއެވެ. ހެނދުނުއްސުރެ އަހަރެމެންގެ ރަޙުމަތްތެރިންނާއި ޢާއިލާ މީހުން އެކި ކަންކަމުގައި ގެއަށް އައިސް ގޮސްވާތީ ގޭތެރެ އޮތީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. ހަވީރު ހަތަރެއް ޖެހި އިރު މޭކްޕަކޮށްދޭ ކުދިން ތިބީ ގޭގައެވެ. އެ ހުރިހާކަމެއް ހިނގަމުން ދިޔަ އިރުވެސް އަހަރެން ހުރީ އުފާވެ ހިނިތުންވެލަންވެސް ބިރުންނެވެ. ހިތް ނުތަނަވަސްވާވަރުންނެވެ. ނަމަވެސް އެކަކަށްވެސް އެކަން ފާހަގަވިޔަނުދީވޭތޯ އަހަރެން ދިޔައީ މަސައްކަތްކުރަމުންނެވެ.

އެރޭ ގަޑިން ބަރާބަރު އަށެއް ޖެހި އިރު ޢާއިލާއާ ގާތް ރަޙުމަތްތެރިންނާއެކު އަހަންނާ ދައްތަ ތިބީ ކައިވެނިކުރަން ހަމަޖެހިފައިވާ މޭޒު ކައިރީގައި އިށީންދެލައިގެންނެވެ. އެތަނަށް ވަނީއްސުރެ އަހަރެންގެ ލޯ ހޯދަމުން ދިޔައީ ރައުލްގެ ސޫރައެވެ. އޭރު ޒިޔާންއާއި އޭނާގެ ޢާއިލާއާވެސް އެތަނުގައި ތިއްބެވެ. ކައިވެނިކޮށްދޭ މީހުން އައިސް ހަމަޖެހުނުއިރުވެސް ރައުލްގެ ޢާއިލާ މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންކަމުން ބައްޕަ ފުރަތަމަ ރައުލްގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ރައުލްގެ ބައްޕައަށް ގުޅުމުންވެސް ފޯނެއް ނުނަގައެވެ. އެހިސާބަށް ދިޔުމުން އަހަރެން އިތުރަށް ބިރުގަންނަންފެށިއެވެ. ފިލްމުތަކުގައި ވާހެން އަނެއްކާ ރައުލް އެކްސިޑެންޓްވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެމީހުން ހޯދަން އެގޭ ދޮށަށް މީހަކު ފޮނުވާފައި ބައްޕަ ފަހަރަކު މީހެއްގެ ނަންބަރަށް ގުޅަމުން ދަނިކޮށް އަށްގަޑި ބައިވާން އުޅެނިކޮށް ރައުލްގެ ޢާއިލާ މީހުން ދޮރުން ވަދެގެން އަންނާތީ ފެނުނެވެ. އެމީހުންނާއެކު ރައުލް ހުރިތަން ފެނުމުން އަހަންނަށް ހީވީ ބޮލުން ބޮޑު ބުރައެއް އުފުލިގެން ދިޔަހެންނެވެ. ނުވިސްނާ އިންދާ ހިނިތުން ވެވުނެވެ. އަދި ހިތާހިތުން އެތައް ފަހަރަކު ﷲ އަށް ޝުކުރު އަދާކުރެވުނެވެ. ލަހުން އާދެވުނީތީ ރައުލްގެ ބައްޕަ އެންމެންގެ ކިބައިން މަޢާފަށް އެދުނެވެ. އަދި ލަސްވީ އަންނަން އުޅެނިކޮށް ރައުލްގެ މާމަ ލޭގެ ޕްރެޝަރު މައްޗަށް ގޮސްގެން ކުއްލިއަކަށް އެނބުރުން އަރައިގެން ވެއްޓިގެންކަމުގައި ބުނެދިނެވެ.

"އަނބި ގަބޫލުކޮށްފިން." ރައުލްގެ ދުލުން އެ ލަފްޒުތައް ނުކުތް ވަގުތަކީ އަހަރެންގެ މުޅި ކާއިނާތު ހުއްޓިގެންދިޔަ ވަގުތެކެވެ. އެއީ ހަތް އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް ގެނުވި އުފާވެރި ވަގުތުކޮޅެކެވެ. އެއީ އަހަރެންގެ ކެތްތެރިކަމުގެ ފޮނި މޭވާ ލިބުނު ހިނދުކޮޅެވެ.

ކައިވެނިކޮށްދީ ނިމުމާއެކު މެހެމާނުންނާ ބައްދަލުކުރުމަށްޓަކައި އަހަރެމެން މަޑުކުރަން ހަމަޖެހިފައިވާ ތަނުގައި މަޑުކޮށްގެން ތިބީމެވެ. އިސާހިތަކު މީހުން ގިނަވާން ފެށިއެވެ. ޕާޓީއަށް އަންނަ މެހެމާނުން އައިސް ނިމުނުއިރުވެސް ރައުލް އަހަންނާ އަނގަޔަކުން ނުބުނެއެވެ. ނަމަވެސް ހުރިހާ މެހެމާނުންނަށް ހިނިތުންވަމުން ދިޔައެވެ. އަހަރެންވެސް ހުރީ ލަދުން އެއްޗެކޭ ބުނަން ނުކެރިފައެވެ. ރައުލްގެ ޙާލަކީވެސް އެއީކަމުގައި އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.

ގެއަށްގޮސް ކޮޓަރިއަށް ވަދެވުމުން ރައުލް އަހަންނަށް މަރުހަބާކިޔާ ނިތުގައި ބޮސްދިނެވެ. އެހިސާބުން އަހަރެންގެ ހިތުގައި އުފެދެމުންދިޔަ ވަހުމުތައް އެއްކޮށް ފިލާ ދިޔައެވެ. އެރޭ ވެގެންދިޔައީ އަހަރެންގެ ޙަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ރެޔަށެވެ.

ޖެހިގެން އައި ދުވަހު ދައްތައާއި ޒިޔާން އެމީހުންގެ ހަނީމޫނަށް ފުރިއެވެ. އެމީހުން ދިޔައީ ޒިޔާން މަސައްކަތްކުރާ ރިސޯޓުން ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ދިން ހިލޭ ދަތުރެއްގައި އެ ރިސޯޓަށެވެ. އަހަރެމެންގެ ހަނީމޫން ދަތުރު ދިއުން ހަމަޖެހުނީ އޭގެ އަނެއް ދުވަހަށެވެ. އަހަރެމެން ދާން ހަމަޖެހިފައި އޮތީ އަހަރެން އަބަދުވެސް އެންމެ ދާން ބޭނުންވާ ޕެރިސްއަށެވެ. އެއީ ރައުލްގެ މަންމައާއި ބައްޕަގެ ފަރާތުން އަހަރެމެންނަށް ދިން ކައިވެނީގެ ހަދިޔާއެވެ.

ހަނީމޫންގެ ދުވަސްތައްވެސް ނިމިގެން ދިޔައީ ވަރަށް އުފަލާއި ހިތްހަމަޖެހުމުގައެވެ. ރައުލްވީ އަހަންނަށް ވަރަށް އަޅާލާ އޯގާތެރި ފިރިއަކަށެވެ. އަހަރެން އުފާވާނެހެން ހީވާ ހުރިހާ ކަމެއް ކޮށްދެވޭތޯ ރައުލް ބަލައެވެ. ޕެރިސްގައި ދެހަފްތާ ހޭދަކުރުމަށްފަހު ރަށަށް އާދެވުމާއެކު ރައުލް ވަޒީފާއަށް ނުކުންނަންފެށިއެވެ. އަދި އަހަރެންވެސް ކިޔެވުމައިގެން މަސްއޫލުވީމެވެ. އޭރު ޒިޔާން ހުރީ ޗުއްޓީ ނިންމާފައި ރިސޯޓުގައެވެ. ޒިޔާނަށް އާދެވެނީ މަހަކު ހަތަރު ދުވަހަށެވެ. ދައްތަވެސް ކިޔަވާ ނިމިފައި ހުރުމުން ރަނގަޅު ވަޒީފާއެއް ހޯދިއެވެ.

އާދައިގެ މަތިން ދުވަސްތައް ކުރިއަށް ދިޔައެވެ. އަހަރެން ކިޔެވިއެއްކަމަކު ރައުލްއަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ ވޭތޯ ބަލަމެވެ. ރައުލްވެސް ވީވަރަކުން އަހަންނަށް އުނދަގޫނުކޮށްވޭތޯ ބަލައެވެ. ހާއްސަކޮށް އަހަރެން އެސައިމެންޓް ހަދަން ނުވަތަ ފިލާވަޅު ދަސްކުރަން އިންނަނަމަ އަހަންނަށް އެކަމަށް ވަގުތު ދެޔެވެ. އަހަރެން ޑިގްރީ ނިމުމުން އިތުރަށް ކިޔަވަން ބޭނުންވާތީ، ރައުލްއާ ދެމީހުން އެއްކޮށް މާސްޓާރސް ހަދަން ފޮނުވާނެކަމުގައި ރައުލްގެ ބައްޕަ އޮތީ ބުނެފައެވެ. އެހެންކަމުން އަހަރެންގެ ބައްޕަވެސް ދިޔައީ އެކަމަށްޓަކައި ބައްޕަގެ ފަރާތުންވެސް އެހީތެރިވުމަށްޓަކައި ފައިސާ ރައްކާކުރަމުންނެވެ. އަހަރެމެން ވަރަށް ކުޑައިރުއްސުރެ އަހަންނާއި ދައްތައަށްޓަކައި ބައްޕަ ވަކިން އެކައުންޓް ހުޅުވައިދީ ފައިސާ ރައްކާކުރެއެވެ. އަދި މިހާތަނަށް ބޮޑު ކަމެއް ނުޖެހޭތީ އަހަރެމެން އެ ފައިސާގައި ބޭނުމެއް ނުކުރަމެވެ.

ދުނިޔެއަކީ ތޮށަލިދުޅައަށް ދައުރުވަމުންދާ އެއްޗެކެވެ. އެއްދުވަހު އުފާވެރިކަން ދެއްކުމަށްފަހު އަނެއް ދުވަހު މުސީބާތެއް ކުރިމަތިވެދާނެއެވެ. އަހަރެމެން ކިތަންމެ ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެއީ ޤުދުރަތުގެ ޤާނޫނެވެ. ކައިވެންޏަށް ތިންމަސްވީއިރު އަހަރެމެންގެ ޙަޔާތް ކުރިއަށް ދިޔައީ ވަރަށް އަމާންކޮށެވެ. އުފަލާއި ހިތްހަމަޖެހުމުގައެވެ.

އެއްރެއެއްގެ ދަންވަރެވެ. އެއީ އެސައިމެންޓެއް ހަދަން އިނދެފައި ތަންކޮޅެއް ލަހުން އަހަރެން ނިދި ރެޔެކެވެ. އަހަންނަށް ހޭލެވުނު އިރު ރައުލް އެނދަކު ނެތެވެ. ރައުލް ފާޚާނާގައި އުޅެނީއޭ ހިތާ އިރުކޮޅަކު މަޑުކޮށްލައިގެން އޮތީމެވެ. ނަމަވެސް ރައުލްގެ ހިލަމެއް ނުވުމުން ތެދުވެގެން ގޮސް ފާޚާނާ ބަލާލިއިރު އެތަނުގައި ރައުލްއެއް ނެތެވެ. ދަންވަރުގެ ހަމަހިމޭން ވަގުތުކަމުން ކޮޓަރިން ބޭރަށް ނުކުތުމުގެ ކުރިން ރައުލްގެ ފޯނަށް އަހަރެން ގުޅަން ފެށީމެވެ. ނަމަވެސް ފޯނު ރިންގުވާން ފެށީ ކޮޓަރިތެރެއިންނެވެ. އެހެންކަމުން ބިރުގަތް ނަމަވެސް ހިތްވަރުކޮށްލާފައި މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރު ބަލާލީމެވެ. އަހަރެމެންގެ ކޮޓަރި ކުރިމައްޗަށް ހުންނަނީ ސިޓިންގ ރޫމެވެ. އެއާ ޖެހިގެން ހުންނަނީ ބަދިގެއާއި ކާގެއެވެ. އެބައި ހުންނަނީ ފާރަކުން ވަކިކޮށްލާފައެވެ. ސިޓިންގ ރޫމްގައި އޭރު ހުރީ ފަނޑު އަލިކަމެކެވެ. އާންމުކޮށް ބަދިގެއަކީ ރޭގަނޑު ބޮކި ނިއްވާލާފައި ހުންނަތަނެކެވެ. ނަމަވެސް އެވަގުތު ބަދިގެ ހުރީ ދިއްލާފައެވެ. އެހެންކަމުން ރައުލް ބަނޑުހައިވެގެން ބަދިގޭގައި އުޅެނީއޭ ހިތާ އަހަރެން މަޑުމަޑުން އެދިމާއަށް ހިނގައިގަތީމެވެ. ބަދިގެއާ ކައިރިވި ވަރަކަށް އެތަނުގައި ކޮންމެވެސް ބަޔަކު މަޑުމަޑުން ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. ކިޔާ އެއްޗެއް ސާފު ނުވި ނަމަވެސް އެތަނުގައި އެކަކަށްވުރެ ގިނަ މީހުން އުޅޭކަން އަހަންނަށް ދެނެގަނެވުނެވެ. ބަދިގެ ދޮރުމައްޗަށް އެރި ވަގުތު ފެނުނު މަންޒަރަކުން އަހަރެންގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. އަދި ކުއްލިއަކަށް ފާރާ ނިވާވެނުވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ikaan

    What’s cooking in the kitchen? ? Waiting for the next part! This story is breathtaking! Great work Sama! ??

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ