ފަރުދާ (ފުރަތަމަ ބައި)

"ޝާޔާ" ރައުލް ނިތް އަރުވާލާފައި ތުންފަތަށް ލުއި ހިނިތުންވުމެއް ގެންނަމުން އަހަންނަށް ގޮވާލިއެވެ.

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަހަންނަށް އެ ގޮވާލީ ހަމަ ރައުލް ބާއެވެ؟ އެއީ ފުރާވަރަށް އެޅީއްސުރެ އަހަރެންގެ ހިތުގައި އެ ނަމެއް ބިންވަޅު ނެގިފައިވާ ފަރާތެވެ. އަހަރެންގެ ހުވަފެންތަކުގެ ރަސްގެފާނެވެ.

ކުއްލިއަކަށް އަހަންނަށް ހަމަ ބިމަށް ފޭބުނީ އަހަރެންގެ ކަނާތް ފަރާތުގައި ހުރި އެކުވެރި ޒީނާ އަހަރެންގެ ކޮނޑުގައި ޖެހިގަތުމުންނެވެ. އޭރު އަހަރެންގެ އަނެއް ފަރާތުގައި ހުރި ޝާނީވެސް އަހަންނާ ދިމާކޮށްފައި ހެމުންދިޔައެވެ. އެމީހުން ކިޔަމުން ދިޔަ އެއްޗަކަށް ނުބަލާ އަހަރެން ފަހަތަށް އެނބުރިފައި ރައުލްއާ އޭނާގެ އެކުވެރިން ދިޔަ ދިމާއަށް ބަލާލީމެވެ. އޭރު އެމީހުން ގޮސް ކެންޓީން ދޮރުން ވަދެއްޖެއެވެ. އެވަގުތަކީ މަޣްރިބު ނަމާދު ގަޑިއަށް ބްރޭކް ލިބުނު ވަގުތުކަމުން ކޮލެޖް ގްރައުންޑްގައި ގިނަ އަދަދަކަށް ކުދިން އެއްވެފައި އޮތް ވަގުތެކެވެ.

އެރޭ ކޮލެޖް ނިންމާފައި ގެއަށް އައި އިރުވެސް އަހަރެންގެ ތުންފަތުން ހިނިތުންވުން ނުފިލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އުމުރުން މިވީ 20 އަހަރުތެރޭވެސް އަހަރެންގެ ނަމުން ރައުލް ގޮވާލި އެއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ފާއިތުވީ 7 އަހަރުތެރޭގައި ރައުލްގެ ނަން އަހަރެންގެ ދުލުން ނުކިޔާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ނަމަވެސް އެކަން އެނގޭނީ އަހަންނަށާއި އަހަރެންގެ ވެރި އިލާހަށް އެކަންޏެވެ.

އަހަންނަށް އެންމެ ފުރަތަމަ ރައުލް ފެނުނީ ސްކޫލް ނިންމާފައި ދައްތަ ނުކުންނަންދެން ދައްތަގެ ކްލާސް ދޮރުމަތީގައި މަޑުކޮށްގެން ހުރި ދުވަހެއްގައެވެ. އޭރު އަހަރެންގެ އުމުރުން 13 އަހަރެވެ. ދައްތައާ އަހަރެންގެ އުމުރުގައި ހުންނަނީ ދެއަހަރުގެ ތަފާތެވެ. އޭރު ރައުލްއަކީ ދައްތަގެ ކްލާސް ކުއްޖެކެވެ. އެންމެ ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތުގައި ރައުލްގެ ނަން ފަވާލެވުނެވެ. ނަމަވެސް ރައުލްއާ ބަލާއިރު އަހަންނަކީ ކާކު ހެއްޔެވެ؟ ރައުލްއަކީ އަންހެން ކުދިންގެ ހިތްތައް ފަތަޙަކުރާނެ ހުރިހާ ސިފައެއް ލިބިފައިވާ ފިރިހެން ކުއްޖެކެވެ. އިސްކޮޅުން ދިގެވެ. ބާމަތި ފުޅަލެވެ. އިސްތަށިގަނޑު ފަނެވެ. އަދި އަހަންނަށް އެންމެ ކަމުދަނީ ރައުލް ހީލާއިރު އޭނާގެ ދެލޯ ކުޑަވެގެންދާގޮތެވެ. ނަމަވެސް އަހަންނަކީ އެއްވެސް ޚާއްސަ ސިފައެއް ލިބިފައިވާ މީހެއް ނޫނެވެ. ފޮތްފޮތުގަޔާއި ފިލްމުތަކުގައި ރީތި އަންހެންކުދިން ސިފަކޮށްދީފައި ހުންނަފަދަ އެއްވެސް ސިފައެއް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެންގެ ހަމުގެ ކުލަ ކަޅެވެ. އިސްކޮޅުން ކުރެވެ. ހަށިގަނޑު ފަލައެވެ. އިސްތަށިގަނޑު ފަނެއް ނޫނެވެ. ބުޅިއެއްވެސް ނޫނެވެ. އޮންނަނީ ޒާތަކަށް ފުފިފައެވެ. މޫނުމަތީގައި އެއްޗަކަށް އޮންނަނީ އޮށާޅައެވެ.

އަހަރެންގެ ޢާއިލާގައި ތިބެނީ މަންމައާއި ބައްޕަގެ އިތުރުން އަހަރެންގެ ދައްތައާއި އަހަންނެވެ. ބޭރު ފުށުގެ ސިފަތަކަށް ބަލާއިރު އަހަންނާ ދައްތައާ އުޑާއި ބިމާހާ ތަފާތެވެ. ދައްތައަށް ލިބިފައިވަނީ މަންމަގެ ރީތިކަމެވެ. ހަންގަނޑު އޮމާންވެފައި ދޮނެވެ. އިސްކޮޅާއި ރޫފަ އެއްވަރެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެވެ. ބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެވެ. ދައްތަ ފަހަތުން ރަށުގެ އެތައް ޒުވާނުންނެއް ތިބެނީ މުގޯލި އަޅާލައަޅާލައެވެ. ނަމަވެސް ދައްތަ ޚިޔާރުކުރީ އަހަރެމެންގެ އަވަށްޓެރިއެއްކަމުގައިވާ ޒިޔާނެވެ. ޒިޔާނަކީ އަހަރެމެން ވަރަށް ކުޑައިރުއްސުރެ ދަންނަ، އަޚުލާޤު ރަނގަޅުކުއްޖެކެވެ. ދައްތައާއި ޒިޔާންގެ ގުޅުމަށް ދެފަރާތުގެ ޢާއިލާއިންވެސް ވަރަށް ރުހެއެވެ. ދައްތަ ދަންނަ އެންމެންނަށް އެދެމީހުންގެ ގުޅުން އެނގެއެވެ.

ދައްތައާ އަހަރެންގެ ބޭރު ފުށުގެ ސިފަތައް ކިތަންމެ ތަފާތަވީނަމަވެސް ދެމީހުންވެސް އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމައާއި ބައްޕަވެސް އަހަރެމެން ދެކުދިންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެއެވެ. އަހަރެމެންގެ ޢާއިލާއަކީ ރަށުގައި މީހުން ޤަދަރުކުރާ ޢާއިލާއެކެވެ. ބައްޕައަކީ ވަކީލެކެވެ. މަންމައަކީ ނަރުހެކެވެ. އެހެންކަމުން އަހަރެމެން އުޅެ ބޮޑުވަމުންއައީ އުފާވެރި މާޙައުލެއްގައެވެ. އަހަރެމެންނަށް ކުޑަ އިރުއްސުރެ ރަނގަޅުގޮތާއި ނުބައިގޮތް މަންމައާއި ބައްޕަ އައީ ބުނެދެމުންނެވެ. އަހަރެމެން ދެކުދިންވެސް ކިޔެވުމުގައި އުޅެނީ އެކުއްޖެއްގެ ގްރޭޑްގައި އެއްވަނައިގައެވެ.

ރައުލްއަކީވެސް ސްކޫލްގައި މޮޅު ކުދިންގެ ލިސްޓްގައި ހިމެނޭ ކުއްޖެކެވެ. ސްކޫލްގެ ފަހު އަހަރުގައި ރައުލްއަކީ ސްކޫލްގެ ފިރިހެން ކެޕްޓަނެވެ. އެހެންކަމުން ރައުލްއަކީ އަންހެންކުދިންގެ ލިސްޓްގައި އެއްވަނަ ނަމެވެ. ނަމަވެސް އެންމެން އެއްވެގެން ރައުލްގެ ވާހަކަ ދެއްކިޔަސް އަހަރެން އެވާހަކައިގައި ބައިވެރިއެއް ނުވަމެވެ. ރައުލް ބޭނުން ކޮންމެ ކުއްޖެއްވެސް ރައުލްއަށް ލިބިދާނެކަން އެއީ އަހަންނަށް އޮޅިފައި އޮތްކަމެއް ނޫނެވެ. އެހެންކަމުން އަހަރެން ރައުލްއާމެދު ނުވިސްނުމަށް ވަރަށް މަސައްކަތްކުރަމެވެ. ނަމަވެސް ރައުލް ފެންނައިރަށް އަހަރެންގެ އަތްފައިން އޮށްދާ ހިއްލަން ފަށައެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދެއެވެ. ހިތް ނެގިނެގިފައި ޖެހެއެވެ. ނޭވާ އަވަސްވެއެވެ. އެފަދަ ވަގުތުތަކުގައި އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލްކުރުންވަނީ ދަތިކަމަކަށެވެ. އަހަރެން ރައުލްއާ މުޚާޠިބުކޮށް ވާހަކަދައްކަނީ އެކަނި ކޮޓަރީގައި އޮންނަ ވަގުތުތަކުގައެވެ. އަހަރެންގެ ޚިޔާލީ ދުނިޔޭގައެވެ. ކުރުގޮތަކަށް ބުނާނަމަ އަހަރެން ހުރީ ރައުލްއާ ހެދި ދީވާނާ ވެފައެވެ. ނަމަވެސް އަހަރެން އެކަން އެއްވެސް މީހަކަށް ނާންގަމެވެ. އެންމެ ކުޑަމިނުން ދައްތައަށްވެސް އެކަމުގެ ހިލަމެއްވިޔަ ނުދެމެވެ.

އަހަރެމެންގެ ރަށަކީ އާބާދީ ބޮޑު، ތަރައްޤީވެފައިވާ ރަށެކެވެ. ރަށުގައި ހުރިހާ ޚިދުމަތެއް ލިބެން ހުރެއެވެ. ރަށުގައި ތިބެގެން އޭލެވެލް ހެދުމަށްފަހު ޑިގްރީވެސް ހެދުމުގެ ފުރުސަތު އޮތުމުން، އަހަރެމެން މާލެ ނުގޮސް ޢާއިލާ ކައިރީގައި ތިބެގެން ކިޔަވަން ނިންމީމެވެ. އަހަރެން ޚިޔާރުކުރީ ބިޒްނަސް ދާއިރާއެވެ. ދައްތަ ޚިޔާރުކުރީ ވަކީލުކަމެވެ. ރައުލްވެސް ކިޔަވަނީ ބިޒްނަސްއެވެ. އަހަރެން ކޮލެޖަށް ވަތް އަހަރަކީ ރައުލްގެ ޑިގްރީގެ ފަހު އަހަރެވެ.

ރައުލް އަހަންނަށް ގޮވާލިތާ ހަފްތާއެއް ފަހެވެ. އެއްދުވަހަކު ރައުލްގެ ރަޙުމަތްތެރިއަކު އައިސް އަހަންނަށް ގަނޑުކޮޅެއް ދިނެވެ. އޭގައި ރައުލްގެ ނަންބަރު ޖަހާފައިއޮތެވެ. އަދި ގުޅާނެކަމަށް އިންތިޒާރުކުރާ ވާހަކަވެސް އޮތެވެ. އެ ގަނޑުކޮޅު ކިޔާފައި އަހަރެން ހުރީ ހަދާނެގޮތެއް ނޭންގިފައެވެ. ހިތައް އެތައް އެއްޗެއް އަރާ ފޭބިއެވެ. ރައުލް އަނެއްކާ އަހަންނާ ސަމާސާއެއްކުރަނީބާއެވެ؟ ނޫނީ ރައްޓެހިންނާއެކު ބެޓެއް ކޮށްގެން އުޅެނީބާއެވެ؟ ރައުލް ބޭނުންނަމަ އަހަރެންގެ ނަންބަރު ހޯދާ، އަމިއްލައަށް ގުޅާކަށް އުނދަގުލެއް ނުވާނެއެވެ. ނަމަވެސް އެގޮތަށް ރައްޓއްސަކު މެދުވެރިކޮށް ނަންބަރު ދިނުމުގެ މަގުސަދަކީ ކޮބައިބާއެވެ؟

ކޮންމެގޮތެއްވިޔަސް ފުރަތަމަ ފިޔަވަޅު އެނެގީ ރައުލްއެވެ. ރައުލް ކިޔަން އުޅެނީ ކީކޭތޯ ބަލާލަން ގުޅުމަކުން ގޯހެއް ނެތޭ އަހަރެންގެ ހިތަށްއެރިއެވެ. އެހެންކަމުން އެރޭ ނިދަން ކޮޓަރިއަށްވަދެފައި އަހަރެން ރައުލްގެ ނަންބަރަށް ގުޅާލީމެވެ. އޭރު އަހަރެންގެ ހިތް މޭގެތެރޭގައި ތެޅޭއަޑު އަމިއްލަ ކަންފަތަށްވެސް އިވެއެވެ. ފޯނު ހިފަހައްޓައިގެން އޮތްއިރު އަތް ތުރުތުރުއަޅާވަރުން އަހަރެން ފޯނުގައި ހިފަހައްޓައިގެން އޮތީ ވަރަށް ބާރަށެވެ. ދެފަހަރަކު ރިންގްވެލާއިރަށް ރައުލް ފޯނު ނެގިއެވެ. ރައުލް "ހަލޯ" އޭ ބުނެލުމުން އަހަރެންގެ މުޅި ދުނިޔެ ހުއްޓުމަކަށްއައިފަދައެވެ. ބުނާނީ ކީކޭކަމެއް ނޭންގުނުތާނގައި އަޑުވެސް ކަރުތެރޭގައި ތާށިވިއެވެ. ގައިން ހީބިހި ނަގައިގަތެވެ. ރައުލްގެ އަޑު އެހާވެސް ފިރިހެންވަންތައެވެ.

"ޝާޔާ؟" ރައުލް ގޮވާލިއެވެ.

"ހޫމްމްމް" އަހަންނަށް އެވަރަށްވެސް ބުނެލެވުނީ ވަރަށް ހިތްވަރުންނެވެ.

"ކިހިނެއް؟" ރައުލް ސުވާލުކޮށްލިއެވެ.

"...... ރަނގަޅު" ޖަވާބުދޭން ކިތަންމެ ބޭނުންވި ނަމަވެސް އަހަރެންގެ އަޑު ނެރެންޖެހުނީ ކަށިން ހިތްވަރު ނެރިގެންނެވެ.

"އަހަރެން ބޭނުން ޝާޔާއާ ބައްދަލުކޮށްލަން. ޑޭޓެއް އިނގޭ. ހެހެހެހެ" ފަހުބައި ރައުލް ބުނެލީ ސަމާސާ ރާގަކަށެވެ.

"އެއީ ކީއްވެ؟" އެ ސުވާލު އަހަރެންގެ އަނގައިން ނުކުތީ ބޭއިޚްތިޔާރުގައެވެ.

"ފޯނުން ހުރިހާ ވާހަކައެއް ދައްކާކަށް އަހަރެން ބޭނުމެއްނޫން. ބައްދަލުވީމަ ބުނާނަން. " ރައުލް ޖަވާބު ދިނެވެ.

"އޯކޭ" ބުނަން ނުބުނަން އޮވެފައި އަހަރެން ބުނެލީމެވެ.

"ފްރައިޑޭ ނައިޓް. އެއިޓް ތާރޓީ. ހާރބަރ ކޯނަރ ރެސްޓޯރެންޓް އޯކޭ؟" ދާންވީ ދުވަހާއި ތަންވެސް ރައުލް ބުނެލިއެވެ.

"ހޫމްމްމް" ހިތްވަރުކޮށްފައި އަހަރެން ޖަވާބުދިނީމެވެ. އަދި އަވަސްއަވަހަށް ކޯލު ކަނޑާލީމެވެ. އެއްވެސް ޙާލެއްގައި އަހަރެން އެވަގުތު އޮތް ޙާލު، އަޑުންވިޔަސް ރައުލްއަށް އަންގާކަށް އަހަރެން ބޭނުމެއްނުވިއެވެ.

ރައުލް ދައްކަން އެއުޅެނީ ކޮން ވާހަކައެއްބާއެވެ؟ ރައުލްއާއެކު ޑޭޓަކަށް ގެންދަން އަހަރެން ނޫން އަންހެންކުއްޖަކު ހަމަ ނުފެނުނީބާއެވެ؟ ރައުލް އަހަންނާ ސަމާސާއެއްކޮށްފިނަމަ އަހަރެން ދެން ހަދާނީ ކިހިނެއްބާއެވެ؟ މިއޮއްހާދުވަހު އަހަރެންގެ ހިތުގައި ފޮރުވައިގެން މިއުޅުނު އިޙުސާސްތައް ބަޔަކު ޖޯކަކަށް ހަދައިފިނަމަ ދެންވާނީ ކިހިނެއްބާއެވެ؟ އެންމެންގެ ކުރިމަތީގައި ފަޟީޙަތްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މިފަދަ ޚިޔާލުތަކަކަށް ގެއްލިފައި އޮއްވާ ފޯނު ވައިބްރޭޓްވިއެވެ. ބަލާލިއިރު އޮތީ ރައުލްގެ މެސެޖެކެވެ. "ގުޑް ނައިޓް އެންޑް ސްވީޓް ޑްރީމްސް" މިހެން ޖަހާފައި، ބަސްކޮޅުގެ ފަހަތުގައި އެއްލޯ މަރާލާފައިއިން ފޭސްއެއް އިނެވެ.

މެސެޖު ފެނުމުން އަހަރެންގެ ހުރިހާ ހާސްކަމެއް ފިލާ ދިޔަކަހަލައެވެ. ވަގުތުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި ފޯނު ގެނަސް ތުންފަތުގައި ޖައްސާލެވުނެވެ. އެރޭ ނިދެންދެން އަހަރެން އޮތީ ފޯނު މޭމަތީގައި ބާއްވައިގެންނެވެ.

ޖެހިގެން އައި ދުވަހު ހެނދުނުވެސް "ގުޑް މޯނިންގ" ޖަހާފައި ރައުލް މެސެޖްކުރިއެވެ. ރޭގެ މެސެޖަށް ރައްދު ނުދިން ނަމަވެސް ހެނދުނު އަހަރެންވެސް ރައުލްގެ މެސެޖްގައި އިންފަދައިން "ގުޑް މޯނިންގ" ޖަހާފައި ރައްދު ދިނީމެވެ.

ހަފްތާ ނިމިގެން ދިޔައީ ހުކުރު ދުވަހުގެ އިންތިޒާރުގައި އަހަރެން ދުވަސް ގުނަގުނާ ހުއްޓައެވެ. އެހަފްތާ ކޮލެޖް ތެރެއިން ނޫނީ މަގުމަތިންވެސް ރައުލް ނުފެނެއެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު ރައުލްގެ މެސެޖެއް އަހަންނަށް ލިބެއެވެ. "ގުޑް ނައިޓް" އަދި "ގުޑް މޯނިންގ" ޖަހާފައެވެ. އަހަރެން ހުރީ ރައުލް ދައްކަން އުޅޭ ވާހަކައެއް އަޑުއެހުމަށް ކެތްމަދުވެފައެވެ. ނަމަވެސް އެވާހަކަ އަހަރެން އެއްވެސް މީހެއް ގާތުގައި ނުބުނަމެވެ.

ހުކުރުދުވަހުގެރޭ އަށްގަޑިބައިވީއިރު އަހަރެން ހުރީ ހާރބަރ ކޯނަރ ރެސްޓޯރެންޓް ދޮރުމަތީގައެވެ. އެއީ ދެބުރިއަށް ނަގާފައި ހުންނަ ތަނެކެވެ. އެތަނަކީ އާންމުކޮށް ރަށުގެ ދެ ޖިންސުގެ ޒުވާނުން ކޮފީއަށް އަންނަތަނެކެވެ. ހަދާނެގޮތެއް ނޭންގިފައި ހުއްޓާ ކުއްލިއަކަށް އަހަރެންގެ ފޯނަށް މެސެޖެއް އައެވެ.

"ކަމް އަޕް" މެސެޖުގައި ރައުލް ލިޔެފައި އޮތެވެ.

ރެސްޓޯރެންޓްގެ ތިރީބައިގައި ގިނަ އަދަދަކަށް މީހުން އޮތެވެ. ސިޑިން މައްޗަށް އެރިއިރު އަހަރެންގެ ދެފައި ތުރުތުރު އަޅާވަރުން ހުންނަންޖެހުނީ ސިޑީގެ އަތްގަނޑުގައި ވަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ. މަތީގައި މާ ގިނަ ބަޔަކު ނެތެވެ. ރަނގަޅަށް ދެކޮޅު ހޯދާލިއިރު ކަނެއްގައި ހުރި މޭޒެއްގައި ރައުލް އިންދާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ރައުލް ފެނުމާއެކު ކުއްލިއަކަށް އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ނަމަވެސް ރައުލްއަށް އަހަރެން ފެންނާކަށް މާގިނައިރެއް ނުނެގިއެވެ. އަހަރެން ފެނުމާއެކު ކައިރިއަށް އައުމަށް ރައުލް އަތުން ހަނާ އަޅާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލަން މަސައްކަތްކުރަމުން އަހަރެން މަޑުމަޑުން އެދިމާއަށް ހިނގައިގަތީމެވެ.

(ނުނިމޭ)

(ދެވަނަ ބައި)

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ