ފަރުދާ (ދެވަނަ ބައި)

(ފަރުދާ ފުރަތަމަ ބައި)

ރެސްޓޯރެންޓްގެ ތިރީބައިގައި ގިނަ އަދަދަކަށް މީހުން އޮތެވެ. ސިޑިން މައްޗަށް އެރިއިރު އަހަރެންގެ ދެފައި ތުރުތުރު އަޅާވަރުން ހުންނަންޖެހުނީ ސިޑީގެ އަތްގަނޑުގައި ވަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ. މަތީގައި މާ ގިނަ ބަޔަކު ނެތެވެ. ރަނގަޅަށް ދެކޮޅު ހޯދާލިއިރު ކަނެއްގައި ހުރި މޭޒެއްގައި ރައުލް އިންދާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ރައުލް ފެނުމާއެކު ކުއްލިއަކަށް އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. ނަމަވެސް ރައުލްއަށް އަހަރެން ފެންނާކަށް މާގިނައިރެއް ނުނެގިއެވެ. އަހަރެން ފެނުމާއެކު ކައިރިއަށް އައުމަށް ރައުލް އަތުން ހަނާ އަޅާލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހިލަން މަސައްކަތްކުރަމުން އަހަރެން މަޑުމަޑުން އެދިމާއަށް ހިނގައިގަތީމެވެ.

ރައުލް އިށީނދެއިން މޭޒާ ކައިރިވިވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ. އޭރު އަތާއި ފައިން އޮށްދާ ހިއްލަން ފަށައިފިއެވެ. ނަމަވެސް އެތަނަށް އާދެވުނީތީ ހިތްވަރުކޮށްލާފައި ހިނގަމުން ދިޔައީމެވެ. މޭޒާ ކައިރިވެފައި ހުއްޓާ ރައުލް ތެދުވެގެން ގޮސް މޭޒުގެ އަނެއް ފަރާތުގައި، ރައުލްއަށް ކުރިމަތިވާގޮތަށް ހުރި ގޮނޑި މޭޒާ ދުރުކޮށްލިއެވެ. އަދި އެގޮނޑީގައި އިށީނުމަށް އަތުން އަހަންނަށް އިޝާރާތްކޮށްލިއެވެ. އެވަގުތު އަހަރެންގެ ހިތުގައި ރައުލްގެ މައްޗަށް އޮތް ލޯބި އިތުރުވެގެންދިޔައެވެ. އެއީ ފިލްމުތަކާއި ވާހަކަތަކުގައި ފިރިހެން ކުދިން، އެކުދިން ލޯބިވާ އަންހެންކުދިންނަށް ވަރަށް ގިނައިން ކޮށްދޭ ކަމެކެވެ. އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. ނަމަވެސް ހިތާއި ސިކުނޑީގެ ތެރޭގައި ހިނގަމުންދިޔަ ހައިޖާނުގަނޑު ބޭރަށް ފާޅުވިޔަ ނުދީ ހިފެހެއްޓޭތޯ އަހަރެން ގަދައަޅާ މަސައްކަތްކުރަމުން ދިޔައީމެވެ.

އެތަނުގައި އިށީނީއްސުރެ އަހަރެން އިނީ އިސްދަށަށް ޖަހައިގެންނެވެ. އަހަރެން ގޮނޑީގައި ހަމަޖެހިލުމާއެކު ރައުލް އެތާ ހަރަކާތްތެރިވަމުންދިޔަ ވެއިޓަރަކަށް ގޮވާ ގެނައެވެ. އަދި ކާ އެއްޗެއްސަށް އޯޑަރު ދިނެވެ. އަހަރެންގެ ކުރިމަތީގައި ރައުލް އިންދާ އިސްއުފުލާ ބަލާލަން ނުކެރިގެން އުޅޭއިރު، އަދި ކާނެ ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. އެހެންކަމުން އަހަރެން އޯޑަރު ދިނީ ހަމައެކަނި ބުއިމަކަށެވެ.

"ޔޫ ލުކް ބިއުޓިފުލް ޓުނައިޓް." ވެއިޓަރު ދިއުމާއެކު ބޯ އަރިކޮށްލާ އަހަރެންގެ މޫނާ ދިމާއަށް ބަލާލަމުން ރައުލް ބުނެލިއެވެ. ރައުލްއަށްޓަކައި އަހަރެން ވެގެން އައި ތައްޔާރީ ރައުލްއަށް ފާހަގަކުރެވުނީތީ ވަރަށް އުފާވިއެވެ. އެހެންކަމުން ގަސްދަކާނުލާ އަހަންނަށް ހިނިތުންވެލެވުނެވެ. ހަމައެއާއެކު އިތުރަށް އިސް އޮބާލެވުނެވެ.

"ޝާޔާ އެހީމެއްނު ބައްދަލުކުރަން ބޭނުންވަނީ ކީއްވެތޯ. އަހަރެން ކޮންމެހެން ބޭކާރު ވާހަކަތަކެއް ދައްކާކަށް ނެތިން. އަސްލު އަހަރެން މިވާހަކަ ދައްކަން އުޅޭތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު ހަމަ ނުކެރިގެން މަޑުކޮށްގެން ހުރެވުނީ. އެކަމަކު ފަހުން ހިތަށްއެރީ މިހެން ނުބުނެ ހުއްޓާ ވަގުތު ފާއިތުވެދާނެއޭ. އެހެންވެ އަހަރެން ޝާޔާއާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު ހޯދުމަށްފަހު އެންމެފަހުން ނިންމުމެއް މި ނިންމީ. އަހަރެން ބުނަން ބޭނުން ވާހަކަޔަކީ......... އަހަރެން ޝާޔާއާ އިންނަން ބޭނުމޭ." އެހިސާބަށް ބުނެލުމަށްފަހު ރައުލް ވާހަކަ މެދުކަނޑާލިއެވެ.

ރައުލް ބުނި އެއްޗަކުން އަހަރެން ސިހޭގޮތްވިއެވެ. އެހެންކަމުން ކުއްލިއަކަށް އިސްއުފުލާ ރައުލްއާ ދިމާއަށް ބަލާލެވުނެވެ. މީހުން އެހެން ކައިވެނިކުރަން އަހާ ހެއްޔެވެ؟ މިއީ އަނެއްކާ ޙަޤީޤަތެއްބާއެވެ؟

"އަހަންނަށް އެނގޭ ކުއްލިއަކަށް އިންނަން އެހުމުން ޝާޔާ ވަރަށް ހައިރާންވާނެކަން. އެކަމަކު ރައްޓެހިވެގެން ގިނަ ދުވަހު އުޅުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. ޝާޔާ ބޭނުމިއްޔާ އަހަރެން ދަންނަ އެންމެން ކައިރީ އެހިޔަސް އެނގޭނެ އަހަރެން އަދި މިހާތަނަށް ކުއްޖަކާ ރައްޓެހިވެފަ ނުވާކަން. އަހަންނަށް އެނގޭ ޝާޔާއަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި ކުއްޖެއްކަން. އެއީ އަހަރެން ޝާޔާއާމެދު ވިސްނަން މަޖުބޫރުކުރުވި މައިގަނޑު ސަބަބު. ޝާޔާ އެހެންކުދިންނާ ވަރަށް ތަފާތު." ހިނިތުންވެލަމުން ރައުލް އޮޅުންފިލުވައިދިނެވެ.

"އަހަރެންތަ ހުރިހާ ވާހަކައެއް ދައްކަންވީ؟ ޝާޔާ ކޮންމެވެސް އެއްޗެއް ބުނެބަލަ. މައްސަލައެއް ނެތް މިހާރު ޖަވާބު ނުދިނަސް. އަދި ބޭނުމިއްޔާ ޝާޔާ ކިޔަވާ ނިމެންދެންވެސް ކައިވެނި ފަސްކުރެވިދާނެ. އެކަމަކު އަހަރެން ބޭނުންވަނީ ޝާޔާ ގަބޫލުނަމަ ވީހާވެސް އަވަހަކަށް ކައިވެނިކުރަން. މިއަހަރު ޑިސެމްބަރުގަ އަހަރެން ކިޔަވާ ނިމޭނެ. އެއަށްފަހު އަހަރެން މަސައްކަތްކުރާނީ ބައްޕައާއެކު ބައްޕަގެ ވިޔަފާރީގަ. މިހާރުވެސް އަހަރެން ބައްޕައަށް އެހީވަން. އަހަންނަށް މުސާރަވެސް ލިބޭ."

"އެކަމަކު ކީއްވެ އަހަރެން؟ ރައުލްއަށް އަހަންނަށްވުރެ މާ ރީތި، މާ ރަނގަޅު ކުދިން ވާނެ." ރައުލް އެ ހުރިހާ ވާހަކައެއް ދެއްކުމުންވެސް އަހަންނަށް ކުރަން އެނގުނު ހަމައެކަނި ސުވާލަކީ އެޔެވެ.

"ހެހެހެހެ. ޝާޔާ ތިއިނީ އަޑުއަހާކަށް ނޫންތަ؟ ބުނެފީމެއްނު އަހަރެން ޝާޔާއާ ލައިކްވީ ޝާޔާ ބަސްއަހާ، ކިޔަމަންތެރި ކުއްޖަކަށްވީމައޭ. ހަމައެކަނި ބޭރުފުށުގެ ރީތިކަމަށް ބަލައިގެން ދިރިއުޅުން ކާމިޔާބު ކުރެވިދާނެ ކަމަކަށް އަހަރެން ނުދެކެން. އެހެންނޫނަސް އަހަންނަށް ޝާޔާ ވަރަށް ލޯބި. އެންޑް ޔޫ އާ ޔުނީކް." އެހިސާބަށް ބުނުމަށްފަހު ލޯބިވެތިގޮތަކަށް ރައުލް ހިނިތުންވެލިއެވެ.

އަހަރެން ލަދުގަންނަގޮތް ވިޔެވެ. އެހެންކަމުން އަނެއްކާވެސް އިސްދަށަށް ޖެހީމެވެ.

"އަހަރެން ވިސްނާލާފަ ޖަވާބެއް ދޭނަން." ވަގުތުން އާނ ބަސް ބުނަން ބޭނުންވި ނަމަވެސް އަހަރެން އެކަން އަންގާކަށް ބޭނުމެއް ނުވިއެވެ.

ކެއުން ނިންމާލުމަށްފަހު އަހަރެން ސިޑިން ފޭބީ ރައުލްގެ ފަހަތުގައި ހުރެގެންނެވެ. ރެސްޓޯރެންޓުން ނުކުމެވުމާއެކު ރައުލް ފަހަތަށް އެނބުރިލާފައި އަތުގައި އޮތް ކޮތަޅަކުން ރަތް ފިނިފެންމަލެއް ނަގާފައި އަހަންނަށް ދިއްކޮށްލިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މިއީ އަނެއްކާ ފެންނަ ހުވަފެނެއްބާއޭ ހިތަށް އެރިއެވެ.

އަހަރެން ހިނގާފައި ގެއަށްދާން އުޅުމުން ރައުލްއާއެކު ސައިކަލަށް އެރުމަށް އެދުނެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. އަހަރެން ސައިކަލަށް ނާރަން އުޅުމުން، އެގަޑީގައި އެކަނި ގެއަށް ފޮނުވަން ބޭނުންނުވާކަމަށާއި، ހިނގާފައި ނަމަވެސް ގެއަށް ލައިދޭން ދާން ބޭނުންކަމުގައި ރައުލް ބުންޏެވެ. އެހެންކަމުން އިތުރަށް ދެކޮޅުހަދަން ނުކެރިގެން އެންމެ ފަހުން އަހަންނަށް ޖެހުނީ ސައިކަލް ފަހަތަށް އަރާށެވެ. ރައުލްގެ ފަރާތުން ފެންނަމުންދިޔަ އަމަލުތަކުގެ ސަބަބުން ރައުލް އަހަންނަށް ޤަދަރުކުރާވަރާއި ގަޔާވާވަރު ހާމަވަމުންދިޔައެވެ.

ސައިކަލުން ފައިބައިގެން ގޮސް އަހަރެން ގެއަށް ވަންނަންދެން ރައުލް މަޑުކޮށްގެން އިނެވެ. ގޭތެރެއަށް ވަތްއިރު ނަސީބަކުން އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންކަމުން ސިއްރު ސިއްރުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީމެވެ. އަދި ދުވެފައި ގޮސް އުއްޑުން އެނދަށް ވެއްޓި ގަތީމެވެ. އެއަށްފަހު އަތުގައި އޮތް ފިނިފެންމާ ގެނަސް ތުންފަތުގައި ޖައްސާލީމެވެ. ހަމައެއާއެކު އަހަންނަށް ބޭއިޚްތިޔާރުގައި ހޭންފެށުނެވެ. އަދި އިރުކޮޅަކުން ހުނުން ރުއިމަށް ބަދަލުވިއެވެ. އުފަލުންނެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަހަރެންގެ ހިތުގައި ރައުލްގެ ލޯބި ފޮރުވައިގެން އުޅޭތާ މިވީ އެންމެ ދުވަހެއް ދެދުވަހެއް ނޫނެވެ. ހަތް އަހަރެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެއޭ މީހުން ބުނާތީ އަހަމެވެ. ނަމަވެސް އެއީ މިހާ ފޮނި އެއްޗެއްކަމެއް އަހަންނަށް ކުރިއަކުން ނޭންގެއެވެ.

ޖެހިގެންއައި ދުވަހު ރައުލް ގުޅިއެވެ. އަދި އަހަރެންގެ ޖަވާބަކީ ކޮބައިތޯ އެހިއެވެ.

"ޔެސް!" އަހަރެންގެ ޖަވާބު އިއްވީމެވެ.

"ތިބުނީ އަހަންނާ އިންނާނަމޭތަ؟" ޔަޤީންކުރަން ބޭނުންވާކަހަލަ ގޮތަކަށް ރައުލް ސުވާލުކޮށްލިއެވެ.

"ހޫމްމްމްމް" އަޑަށް ބާރުލަމުން އަހަރެން ބުނެލީމެވެ.

"ތެންކިޔު... ތެންކިޔު.. އަހަރެން ވަރަށް ވަރަށް އުފާވެއްޖެ! އެހެންވީމާ ޑިސެމްބަރުގަ އަހަރެންގެ ކޯސް ނިމުމުން ކައިވެނިކުރަން އޯކޭ ދޯ؟ މިހާރުވެސް ޝާޔާ ފެމިލީ މީހުން ކައިރީ އަހާ ހުއްދަ ހޯދިޔަސް އަހަރެންގެ މައްސަލައެއް ނެތް." ރައުލްގެ އަޑުގައި ޖޯޝާއި ފޯރި އެކުލެވިގެންވިއެވެ.

"އޯކޭ." އެއީ އަހަރެންގެ ޙަޔާތުގައި ދުވަހަކުވެސް ހަނދާނުން ނުފިލާނެ ދުވަހެކެވެ.

ލަސްނުކޮށް ރައުލްގެ ހުށަހެޅުމުގެ ވާހަކަ މަންމަމެން ކައިރީ އަހަރެން ބުނީމެވެ. ރައުލްގެ ޢާއިލާއަކީ ރަށުގައި ވިޔަފާރީގެ ކަންތައްތަކުގައި އެންމެ ކުރީގައި އުޅޭ ޢާއިލާއެވެ. އެހެންކަމުން އެމީހުންނަކީ ރަށުގެ އެންމެންނަށް އެނގޭ ބަޔެކެވެ. ރައުލްގެ މައިންބަފައިންނަކީ ޚުލްޤު ހެޔޮ، ނިކަމެތިންނަށް އެހީވާ، ދީންވެރި ބަޔެކެވެ. ރައުލްއަކީ އެދެމަފިރިންގެ ހަތަރު ފިރިހެން ދަރިންގެ ތެރެއިން ދެވަނައެވެ. އެގޭ ހުރިހާ ކުދިންނަކީވެސް ކިޔެވުމަށް ރަނގަޅު، އަޚުލާޤު ރަނގަޅު ކުދިންތަކެކެވެ. އެހެންކަމުން މަންމަމެންވެސް އަހަރެމެން ގުޅުމާމެދު ވަރަށް ގަބޫލެވެ.

އެ އަހަރަކީ ދައްތަގެވެސް ޑިގްރީގެ ފަހު އަހަރުކަމުން، ކިޔަވާ ނިމުމުން ކައިވެނިކުރަން އޮތީ މާކުރިން ރޭވިފައެވެ. އޭރު ޒިޔާން ވަޒީފާ އަދާކުރަމުން ދިޔައީ ރަށު ކައިރި ރިސޯޓެއްގެ އެޗް.އާރު މެނޭޖަރަކަށެވެ. އެހެންކަމުން އެންމެން މަޝްވަރާކުރުމަށްފަހު ދެ ކައިވެނި އެއްކޮށް ކުރުމަށް ހަމަޖެހުނެވެ. ކައިވެންޏަށްފަހު ދައްތަމެން އަހަރެމެން ގޭގައި އުޅޭގޮތަށް ހަމަޖެހިފައިއޮތްކަން އެނގުމުން ރައުލް ބޭނުންވީ އަހަރެމެންވެސް ގޭގައި އުޅުމަށެވެ. އެއީ އަހަރެން މަންމައާއި ބައްޕަދެކެ، އަދި ޚާއްސަކޮށް ދައްތަދެކެ ލޯބިވާވަރު އެނގޭތީކަމުގައި ރައުލް ބުންޏެވެ. އެކަމާ އަހަރެން ވަރަށް އުފާވިއެވެ. ހުރިހާ ކަމެއްގައިވެސް ރައުލް އަބަދުވެސް ވިސްނަނީ އަހަންނަށް އެންމެ ރަނގަޅުވާނެގޮތަކަށެވެ.

އަހަރެންގެ ހިތް ފަތަޙަކުރިފަދައިން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެންގެ މަންމައާއި ބައްޕަގެ ހިތްވެސް ރައުލް ފަތަޙަކުރިއެވެ. ރައުލް ވެގެންދިޔައީ މަންމައާއި ބައްޕަ ވަރަށް ގަޔާވާ ކުއްޖަކަށެވެ. އަހަރެންގެ އެސައިމެންޓްތައް ހެދުމަށާއި ޓެސްޓަށް އެހީތެރިވެދިނުމަށް ރައުލް ވަރަށް ގިނައިން އަހަރެމެންގެ ގެއަށް އާދެއެވެ. ނަމަވެސް ދުވަހަކުވެސް އަހަރެންގެ ކޮޓަރިއަކަށް ނުވަދެއެވެ. ރައުލް ބޭނުންވަނީ ސިޓިންގ ރޫމްގައި އެންމެންނަށް ފެންނަ ހިސާބުގައި ތިބޭށެވެ. އެއީ އަހަރެންވެސް ބޭނުންވާ ގޮތެވެ. އެކަމުންވެސް ރައުލްގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯބި ނޫން އެއްޗެއް އަހަންނަކަށް ނުފެނުނެވެ.

އަހަރެމެން ކިޔެވުމުގައި އަވަދިނެތި އުޅުނު ނަމަވެސް ކައިވެންޏަށް ބާކީ ދެމަހަށްވީއިރު، ޢާއިލާގެ ބޮޑެތި މީހުން ކައިވެނީގެ ކަންތައްތައް ތައްޔާރުކުރަމުން ދިޔައެވެ. ހުރިހާ ކަމެއްވެސް ހިނގަމުންދިޔައީ އަހަރެމެންގެ ލޮލުގެ ކުރިމަތީގައި، އަހަރެމެން އެންމެ ބޭނުންވާ ގޮތަށެވެ. ކަންތައްތައް ހަމަޖެހުމުންދާގޮތުން އަހަންނަކީ މި ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ ކުއްޖާއޭ އަހަރެންގެ ހިތަށް އަރައެވެ. ދެފަރާތުގައި ލޯބިވާ ދެ ޢާއިލާއެވެ. އެހާމެ އޯގާތެރި ބައިވެރިއެކެވެ. އެއަށްވުރެ ބޮޑު ނަސީބެއް މިދުނިޔެމަތީގައި މީހަކަށް ލިބޭނެހެއްޔެވެ؟

ނަމަވެސް އޭރު ފަރުދާގެ އަނެއް ފަރާތުގައި ރޭވެމުންދިޔައީ ކޮން ކަންތައްތަކެއްކަމެއް އެކަކަށްވެސް ނޭންގެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
7
ގުޅުންހުރި ލިޔުންތައް

4 Responses

  1. Ikaan

    Shaayaage dhahtha beynun vgn dho Raul e ulheny.

  2. އަރޫ

    ފަރުދާގެ އަނެއް ފަރާތުގައި ރޭވެމުންދިޔައީ ކޮން ކަންތައްތަކެއްތަ؟… އެމަންޖެ އަށް ދެރަގޮތެއް ނަހަދާތި.. ނުލާހިކު ބަސް އަހާ ކުއްޖެއްނު..

  3. shiyaa

    woow… nice story i love it

  4. އައިޝާ

    ވާހަކަ ވަރަށް ރީތި.. ދެން ކިހިނެއްބާ ވާނީ…. ދެން އަޅެ ހިނގާބަ ހަފްތާޔަކު ދެ ދުވަހު ނެރެން… ކާންޓް ވެއިޓް.. ޕްލީސް ސަމާ…

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ