ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ އުއްތަރަ ޕުރަދޭޝްގެ ފަގީރުންނާއި އަދި ދުވަހު މުސާރައަށް މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގައި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސުޓޭޓުން ނިންމައިފިއެވެ.
މި ގޮތުން އެ ސުޓޭޓުގެ އޮފިޝަލުން އިއްޔެވަނީ މިފަދަ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފައެވެ. މި ލިސްޓުގައި މިލިއަނެއްހާ މީހުން ހިމެނޭނެކަމަށް ލަފާކުރާކަމަށް އުއްތަރަ ޕުރަދޭޝްގެ އޮފިޝަލުން މައުލޫމާތު ދެއެވެ.
އުއްތަރަ ޕުރަދޭޝް ސުޓޭޓަކީ އިންޑިއާގައި އެންމެ ގިނަ އަދަދަކަށް ފަގީރުންއުޅޭ އެއް ސުޓޭޓެވެ. އާބާދީގައި 200 މިލިއަނަށްވުރެ ގިނަ މީހުން އުޅޭ މި ސުޓޭޓުގައި ގިނަ ފަރާތްތައް ކުރަނީ ވަރަށް އާދައިގެ މަސައްކަތްތަކެވެ. ކޮވިޑް-19 ގެ ސަބަބުން މިފަރާތްތައް އާންމުދަނީ ހޯދުމަށްކުރާ މަސައްކަތްތަކަށް ބުރޫއެރުމަކީ ވަރަށްބޮޑަށް އެކަށީގެންވާ ކަމެކެވެ.
މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމުއިއްޔާ އިންޓަރނޭޝަނަލް ލޭބާ އޮރގަނައިޒޭޝަނުން އިއްޔެ ބުނެފައިވަނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެއިން 25 މިލިއަނާ ގާތްކުރާ އަދަދަކަށް ވަޒީފާތައް ގެއްލިގެން ދާނެ ކަމަށެވެ.
އިންޑިއާގައި ކޮވިޑް-19 އަށް މިހާތަނަށް ޕޮސިޓިވް ވެފައިވަނީ 151 މީހުންނެވެ. މީގެތެރެއިން 16 މީހުން ޕޮސިޓިވް ވެފައިވަނީ އުއްތަރަ ޕުރަދޭޝް ސުޓޭޓުންނެވެ.



