ނުރުހުންވިއަސް (06)

(ފަސްވަނަ އަދަދާއި ގުޅޭ)

ނަޝާ މަޑުމަޑުން ގޮސް އިށީނީ އެތާ ކައިރީގައި ހުރިގޮނޑިއެއްގައެވެ. އެއްވެސް ހަރަކާތެއް ކުރަންވެސް ނުކެރިފައެވެ. ވާނީވެސް އެހެންނެވެ. ފާރިޝްއަށްޓަކައި ހިތުގައި ކިތަންމެ ނަފުރަތެއް އެއްއިރެއްގައި ވީ ނަމަވެސް މިއަދު ނަޝާގެ ހިތުގައި އެކަމެއް ނެތެވެ. މިއަދު ނަޝާގެ ހިތުގައި ފާރިޝްއަށްޓަކައި ވަނީ ލޯތްބެވެ. ނުރުންހުންވާން ކިތަންމެ ބޭނުންވިނަމަވެސް މެއެވެ. އެއް ދުވަސްވަރެއްގައި ކިތަންމެ ނުރުހުންވިޔަސްމެއެވެ.

ކައިރާއަށްވެސް ހުއްޓި ހުރެވުނީއެވެ. ފިޔަވަޅުމަތިން ގުޑާލަން ނުކެރިފައެވެ. ކައިރާއަކީ ހަމައެކަނި ފާރިޝްގެ ޑޮކްޓަރެއް ނޫނެވެ. ފާރިޝްގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ. ފާރިޝްއަށް ނޭނގުނު ނަމަވެސް ކައިރާގެ ހިތުގައި ފާރިޝްއަށްޓަކައި ވަނީ ހަމައެކަނި ރަހުމަތްތެރިކަމުގެ ލޯތްބެއް ނޫނެވެ. މިވީ ހުރިހާ ދުވަހަކު އެލޯބި ހިތުގައި ކަފުންކޮށް ވަޅުލައިގެން އުޅުނު ނަމަވެސް މިއަދު އެ ހުރިހާ އިހުސާސްތަކެއް އޭނާގެ ލޮލުން ފެނި ހާމަވަމުންދެއެވެ.

އެންމެ ފަހަރަކުވެސް ފާރިޝްދެކެ ލޯބިވެވޭ ވާހަކަ ބުނެވުނު ނަމައޭ ނަޝާގެ ހިތަށް އަރަމުންދިޔައެވެ. އޭނާގެ ހިތުގައި ފާރިޝްއަށް ދެވިފައިވީ ކޮން މަގާމެއްކަން ބުނެދެވުނު ނަމައޭ ހިތަށް އަރަމުންދިޔައެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ފާރިޝްގެ ގާތުގައި ހުރެލަން ނަޝާ ބޭނުންވިއެވެ. ފާރިޝްއަށް އަނގައިން ނުބުނެވުނަސް އޭނާގެ ނޭވާލާއަޑު އަހާލުމަށް ނަމަވެސް ގާތުގައި މަޑުކޮށްލަން ބޭނުންވިއެވެ. ހުއްޓުމެއް ނެތި އަންނަމުން ދިޔަ ކަރުނަތަށް ހުއްޓާލުމަށް ބޭނުންވި ނަމަވެސް އެކަމަށް ނުކުޅެދެމުން ދިޔައެވެ.

ޑޮކްޓަރުންގެ ޓީމްތަކުން ހުއްޓުމެއް ނެތި ފާރިޝް ގާތުގައި ތެޅި ފޮޅެމުން ދިޔައެވެ. މާޔޫސްކަމާއި ނުތަނަވަސްކަން އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ފާރިޝްއަށް މާގިނަ ވަގުތެއް ނެތްކަމަށް ޑޮކްޓަރުން ނުކުމެ ނަޝާ ގާތުގައި ބުނީ ކައިރާވެސް ހުއްޓައެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތަށް ހުއްޓުނީ އެވަގުތެވެ. ކުއްލިއަކަށް މީހާއަށް އެއްވެސް ކަމެއް އިހްސާސް ނުވާ ފަދައިންނެވެ. ހުރިހާ ހިއްސެއް މަސައްކަތް ކުރުން ހުއްޓާލިފަދައެވެ. ދެލޯ ބޮޑުވެފައި ހުރެވުނީއެވެ.

ފާރިޝް އައިސީޔޫގައި އޮންނަތާ ހަތަރު ދުވަސްވީއެވެ. ފާރިޝްގެ އާއިލާ އެންމެން ހޮސްޕިޓަލުގައި ތިބެއެވެ. އެމީހުންގެ އިތުރުން ކައިރާއާއި ނަޝާވެސް އުޅެއެވެ. ނަޝާ އެއްވެސް ގޮތަކަށް ގެއަކަށްވެސް ނުދެއެވެ. އެއްޗެއް ކެއުމެއް ބުއިމެއްވެސް ނޯވެއެވެ. އަބަދުވެސް އައިސީޔޫ ދޮރުމަތީގައި ހުންނަ ގޮނޑިބަރީގައި އިންނަނީއެވެ. މީހަކާ އަނގައިން ބުނުމެއް ނޯވެއެވެ. ހިނިތުންވުމެއް ރުއިމެއްވެސް ނޯވެއެވެ. އެއްޗެއް ކާން މަޖުބޫރު ކުރުވަނީވެސް ފާރިޝްގެ އާއިލާ މީހުންނެވެ. އެހެން ނޫންނަމަ އަރުތެރެއިން ފެންފޮދެއްވެސް ނަޝާ ދިރުވާ ނުލީހެވެ.

ހޮސްޕިޓަލުގައި ފަސްވަނައަށް ވީދުވަހު ޑޮކްޓަރުންގެ ޓީމުން އެންމެންނަށް ދިން ހަބަރުން އެންމެންގެ ހިތްތަށް ކުދިކުދި ވެގެން ދިޔައެވެ. ފާރިޝް މިދުނިޔެއާއި ވަކިވި ހަބަރުން އެންމެންގެ ލޯތަށް ކަރުނުން ފުރާލިއެވެ. އެހެނަސް ނަޝާ އިނީއެވެ. އެއްވެސް ހަރަކާތެއް ނެތިފައެވެ.

މޫނު ދެއްކުމުގެ ކަންތައްތަށް ކުރިއަށް ދިޔަވަގުތެވެ. ފަހަރަކު މީހަކު ވަދެ ފާރިޝްގެ މޫނު ދެކިލުމަށްފަހުގައި ނުކުންނަމުން ދިޔައެވެ. މޫނުއަޅަން ތައްޔާރުވުމުން ކައިރާ ނުކުމެ ނަޝާއަށް ގޮވާލާ އެވާހަކަ ބުނެލިއެވެ. އަދި އޯގާތެރިކަމާއި އެކުގައި ނަޝާގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ.

އެއީ ނަޝާ އިންތިހާއަށް ލޯބިވީ މީހާއެވެ. އުމުރު ދުވަހު އެކުގައި އުޅެން ވައުދުތަށް ވި މީހާއެވެ. ދިރިއުޅުމުގައި ޖެހުނު ލަށްގަނޑަކަށް ފަހު އެތަށް ދުވަހެއް ކުރުމަށް ފަހު އަނެއްކާ ނަޝާގެ ދިރިއުޅުމަށް އައިސް އެލޯބި އަނބުރާ ހޯދި މީހާއެވެ. އެމީހަކަށް ޓަކައި ނަޝާގެ ހިތުގައި އިންތިހާއަށް ލޯބިވީ މީހާއެވެ. ނަމަވެސް އެކަން ހާމަ ނުކުރެވެނީސް ނަޝާ ދޫކޮށް ދިޔަ މީހާއެވެ.

ފާރިޝް ފެނުމާއި އެކުގައި ނަޝާގެ ލޯމައްޗަށް ސިފަވެގެން ދިޔައީ ދެމީހުން އެކުގައި ހޭދަކޮށްފައިވި އުފާވެރި ދުވަސްތަކެވެ. ލޯބިން ފުރިންގެންވާ ވަގުތުތަކެވެ. ނަޝާގެ ލޮލުން ކަރުނައިގެ އަސަރުފާޅުވާކަށް މާގިނަވަގުތެއް ނުނަގައެވެ. ނަމަވެސް އަޑުން އަޑުނަގާ ނުރޯން ނަޝާ އިންތިހާއަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ ނަޝާއަށް އެންމެންގެ ކުރިމަތީގައި ރޮވެން ފެށުނެވެ. ކައިރާ ގާތުގައި ހުރެގެން ނަޝާއަށް ހިތްވަރު ދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

މި ފަނާވަނިވި ދުނިޔެއާއި ފާރިޝް ވަކިވެގެންދިޔަތާ ތިންމަސްވީއެވެ. އަދިވެސް ނަޝާގެ ކަމަކީ އަބަދާއި އަބަދު އެކަނި އޮވެގެން ރުއިމެވެ. ރަހުމަތްތެރިޔާ ރިޔާއާއި ކައިރާގެ މަސައްކަތުންވެސް ނަޝާގެ އުޅުމަށް ބަދަލެއް އަންނަކަމަކަށް ނުވިއެވެ.

"ނަޝާ ދެން މިހާރު ތި ހިތާމަ ކުރުން ހުއްޓާލަންވެއްޖެ އެއްނު؟ ނަޝާ ތިގޮތަށް އުޅުނީމަ އެއްވެސް މީހަކަށް ރަނގަޅުވާނެތަ؟ ނަޝާ ތިހެން އުޅުނޭ ކިޔާފައި ފާރިޝް އަނބުރާ މިދުނިޔެއަށް އަންނާނެތަ؟ ނަޝާއަށް ރަނގަޅަށް އެބަ އެނގޭ މިހާރު ހުރިހާ ވިޔަފާރިއެއް އެއޮތީ ނަޝާގެ ނަންމަތީގައި ކަން. އެ ހުރިހާ ކަމެއް ނަޝާ ބަލަން އެބަޖެހެއެއްނު؟ ފާރިޝް އެހުރިހާ ކަމެއް ކުރީ ނަޝާއަށްޓަކައި. މިއަދު ފާރިޝް ނެތް ދުނިޔޭގައި އޭނަ ކުރި ހުރިހާ މަސައްކަތެއް އެއޮތީ ނަޝާއަށް ދީފައި." ކައިރާ ވާހަކަ ދެއްކީ ތަންކޮޅެއް އަޑުބާރަށެވެ. ހިތްހަމަ ނުޖެހިފައި ހުރެގެންނެވެ.

"އަހަރެން ކިހިނެއް ތިހުރިހާ ކަމަކާ ހަވާލުވަނީ؟ ކޮންމެ ފަހަރަކުވެސް ފާރިޝް އަހަންނަށް ހަދަނީ މިހެން. އަހަރެން އެކަނިކޮށްލާފައި ދަނީ. މިފަހަރު އެދިޔައީ ދެން ދުވަހަކުވެސް އަނބުރާ އަހަރެން ކައިރިއަށް ނާދެވޭހާ ދުރަށް. ހަމައަކަށް އެޅޭށޭ ބުނަން އެންމެންނަށްވެސް ފަސޭހައޭ. ކިހިނެއްތަ އަހަރެން ހަމައަކަށް އެޅެނީ؟ އަހަރެން މުޅި ދުވަހު ނިދަނީ ކީއްވެގެންކަން ކައިރާއަށް އެނގޭތަ؟ ހުވަފެނުންވެސް ފާރިޝް ފެނިދާނެ ކަމަށް ހީކޮށްފައި. އަހަރެން ބޭނުން އެންމެ ފަހަރަކު ނަމަވެސް އެ ހިނިތުންވުނެ ދެކިލަން. އަހަރެން އޭނަ ދެކެ ލޯބިވާ މިންވަރު ހާމަކޮށްދޭން. އަހަރެން އޭނައަށް މައާފުކުރިކަން އަންގަދޭން. އަހަރެން ބޭނުން އޭނާގެ އަތްތެރޭގައި ވަގުތުކޮޅެއް ހޭދަކުރަން. އަހަރެން ބޭނުން ފާރިޝް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަހަންނާއި އެކުގައި ވުމަށް. ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އަހަންނަށް އެހެން ކަމަކާއި މެދުގައި ނުއެއް ވިސްނޭ. ކިހިނެއް ވިސްނާނީ؟ ފާރިޝް މިދުނިޔެ ދޫކޮށް ދިޔަ އިރުގައި ހިތަށް އަރާނެ އަދިވެސް އަހަރެން ހުރީ ނުރުހުންވެފައޭ. މާޒީގެ ކަންތަކާއި މައާފެއް ނުކުރެއޭ. ނުވެސް ކުރާނެއޭ." ކައިރާ ރޮމުން ގިސްލަމުން ވާހަކަ ދައްކަމުން ދިޔައެވެ.

"އެހެނޭ ކިޔާފައި ދިރިއުޅުން ހުއްޓާލަންވީތަ؟ އަހަންނަށް ޔަގީން ފާރިޝްއަށް އެނގޭނެކަން ނަޝާ އޭނަދެކެ ލޯބިވާ މިންވަރު. އެކަމަކު މިއަދު ތިހެން އުޅެގެން، ދިރިއުޅުން މަތިން ފޫހިވެ، އަމިއްލަ ދިރިއުޅުން ނަގާލީމަ ކާކަށް ދެރަވާނީ؟ ފާރިޝް ތިގޮތް ބޭނުންވާނެތަ؟ މިއީ ނަޝާ ހިތްވަރުކޮށްފައި ތެދުވަންވީ ވަގުތު. ފާރިޝްއަށް ހެޔޮ ދުއާ ކޮށްދޭންވީ ވަގުތު. އޭނާގެ ހުރިހާ ވިޔަފާރިއަކަށް ރަނގަޅަށް ބަލަންވީ ވަގުތު." ކައިރާ މަސައްކަތްކުރީ ނަޝާއަށް ވިސްނާދިނުމަށެވެ.

ދުވަހަކަށް ވުރެ ދުވަހަކު ނަޝާގެ އުޅުމަށް ހެޔޮ ބަދަލުތަށް އަންނަން ފެށިއެވެ. މަޑުމަޑުން ގެއިންބޭރަށް ނުކުމެ އުޅެން ފެށިއެވެ. ވިޔަފާރީގެ ކަންތައްތަކާއި ވިސްނާ މީހުންނާއި އެކުގައި ވަގުތުތަށް ހޭދަކުރަން ފެށިއެވެ. މަޑުމަޑުން ހިނިތުންވާން ފެށިއެވެ. ހިނިތުންވާން ދަސްކުރަންފެށިއެވެ. ހިތުގައި ފާރިޝްއަށްޓަކައި ދެވިފައިވީ ޖާގަ އެހެން މީހަކަށް ނުދެވުނު ނަމަވެސް ދިރިއުޅުމައިގެން ކުރިއަށްދާން އަޒުމު ކަނޑައެޅިއެވެ. ނުރުހުން ނުވާކަން ނަޝާއަށް އެނގޭ ހާލުގައެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ