ކޯވިޑް-19: ބަންގްލަދޭޝް އިން ފިޔަވަޅުތައް ވަރުގަދަކޮށްފި

މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބަންގްލަޑޭޝްގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

އެގޮތުން ބަންގްލަދޭޝް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަކީ:

  • 22 މާރިޗު 2020 ވަނަ ދުވަހުގެ ރޭ 00:00 އިން 31 މާރިޗު 2020 އަށް ބަހްރެއިން، އިންޑިއާ، ކުވައިތު، ޤަތަރު، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ތުރުކީ އަދި އެކުވެރި އަރަބި އިމާރާތުން ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤްވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލުން.
  • ބަންގްލަޑޭޝްއަށް ވަނުމަށް ދޫކުރާ އޮން-އެރައިވަލް ވިސާ ވަގުތީ ގޮތުން މެދުކަނޑާލުން.
  • 1 މާރިޗު 2020 އިން ފެށިގެން އިރާން އަދި އީ.ޔޫ. ގެ ޤައުމުތަކަށް ޒިޔާރަތްކޮށްފައިވާ ނުވަތަ ދިރިއުޅެފައިވާ ހުރިހާ ފަސިންޖަރުން ބަންގްލަޑޭޝްއަށް ވަނުން ވަގުތީ ގޮތުން މަނާކުރުން.
  • ބަންގްލަޑޭޝްއަށް ވަންނައިރު، ނުވަތަ ވިސާ ހޯދަން ހުށަހަޅާއިރު، ކޯވިޑް-19 ގެ އަލާމާތްތައް ނެތްކަން ކަށަވަރުކޮށްދޭ، 3 ދުވަސް ހަމަނުވާ ހެލްތު ސެޓްފިކެޓެއް ހުށަހެޅުން.
  • ބަންގްލަޑޭޝްއަށް ވަނުމަށްފަހު، ވައިގެ ބަނދަރުގައި މިހާރު ހަރަކާތްތެރިވަމުންދާ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން، 14 ދުވަހުގެ މުއްދަތަކަށް އެޤައުމުގެ ސަރުކާރުން ކަނޑައަޅާ ތަނެއްގައި ނުވަތަ ގޭގައި ކަރަންޓީން ކުރުން.
  • މިވަގުތު ބަންގްލަޑޭޝްގައި ތިބި ބިދޭސީންނަށް ލިބިފައިވާ ވިސާ 2 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބުން.

ދިވެހިރާއްޖޭގެ ފޮރިް މިނިސްޓްރީން ވަނީ ދުވަސްތަކުގައި ބަންގްލަޑޭޝަށް ދަތުރުކުރަން ގަސްދުކުރާ އަދި ބަންގްލަޑޭޝްގައި މިވަގުތު ތިބި ދިވެހިން މިކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެ މިނިސްޓްރީން އެދިފައިވެއެވެ.

ފޮރިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި، ބަންގްލަޑޭޝްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އެމިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން، ބަންގްލަޑޭޝަށް ދަތުރުކުރާ، އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ބަންގްލަޑޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގައި ރެޖިސްޓަރ ކުރުމަށް ފޮރިންގ މިނިސްޓްރީން އެދިފައިވެއެވެ.

މީގެ އިތުރުން، ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ ފޮރިންގ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމުގައި އެ މިނިސްޓްރީއިން ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ