ޔުވެންޓަސްގެ 3 ކުޅުންތެރިން ފިޔަވާ އެހެން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ނެގެޓިވް ވެއްޖެއެވެ.
ޔުވެންޓަސް ބޮޑު ޓީމުގެ ތިން ކުޅުންތެރިއަކަށް ކޮވިޑް-19 ޖެހިފައިވާއިރު، މިވައިހަރަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ އިޓަލީގެ ޑިފެންޑަރު ރުގާނީއެވެ. އޭނާ ޕޮޒިޓިވްވީ މިމަހުގެ ކުރީކޮޅުއެވެ. ދެން މަޓުއިޑީއެވެ. އެއީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ޑިބާލާވެސް މިވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާވެސްވަނީ ޕޮޒިޓިވްވެފައެވެ.
ސްކައި ސްޕޯޓް އިޓާލިއަން ރިޕޯރޓްކޮށްފައިވާ ގޮތުގައި ޔުވެންޓަސްގެ ހުރިހާ ކުޅުންތެރިން މިހާރުވަނީ މިވައިރަހަށް ޓެސްޓްކުރެވިފައެވެ. އަދި މިތިން ކުޅުންތެރިން ފިޔަވައި އިތުރު ކުޅުންތެރިއަކު ޕްޒިޓިވްވެފައެއް ނުވެއެވެ.
ޖުވެންޓަސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ސެލްފް އައިސޮލޭޝަންގައި އޭނާގެ ޢާއިލާއާއެކުހުރީ މަޑީރިއާގައެވެ. އަދި 8 ދުވަހު ކަރަންޓީނުގައި އިޓަލީގައި ހުރުމަށްފަހު ހިގުއައިން، ޕިއާނިޗް އަދި ކަދީރާގެ އިތުރުން ޑަގްލަސް ކޯސްޓާވަނީ އަމިއްލަ ޤައުމަށް ގޮސްފައެވެ.
އަދި މިކުޅުންތެރިން އެނބުރި އިޓަލީއަށް އައިސް ސެލްފް އައިސޮލޭޝަންގައި ދެހަފްތާ މަޑުކުރަން ޖެހޭނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮވިޑް-19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާއިރު، ޔޫރަޕުގައި މިވައިރަސް އެންމެ ގަދަޔަށް ފެތުރެނީ އިޓަލީގައެވެ. އިޓަލީއިން މިވައިރަހަށް މިހާރު ފަސްދޮޅަސް ހާހެއްހާ މީހުން ޕޮޒިޓިވް ވެފައިވާއިރު، 5000 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.




