މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާތަކާއި ގުޅިގެން، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އަށާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ފޯނުން ގުޅުއްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، އެ ހާދިސާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންގެ ނަމުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ތައުޒިޔާ ވިދާޅުވެފައެވެ.
ސްރީލަންކާގެ މިހާރުގެ ހާލަތު އޮޅުންފިލުއްވައި، ރާއްޖެއިން އަބަދުވެސް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ލަންކާގެ ރައީސާއި ބޮޑުވަޒީރަށް ދެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ސްރީލަންކާގައި މިދިޔަ އާދީއްތަ ދުވަހު ޖާނުންފިދާވެގެން ބޮންތަކެއް ގޮއްވާލައި 253 މީހުން ވަނީ މަރާލާފައެވެ. ފައްޅިތަކަށާއި އަދި ބައެއް މަޝޫރު ހޮޓާތަކަށް އީސްޓާ ސަންޑޭއާއި ދިމާކޮށް ޖާނުން ފިދާވެގެން ދިން ހަމަލާތަކުގެ ޒިންމާ ނަގައިފައިވަނީ އައިއެސް ޖަމާއަތުންނެވެ.




