ފަރުދާ (ފަހުބައި)

ސިޓިންގ ރޫމްގައި އޭރު ހުރީ ފަނޑު އަލިކަމެކެވެ. އާންމުކޮށް ބަދިގެއަކީ ރޭގަނޑު ބޮކި ނިއްވާލާފައި ހުންނަތަނެކެވެ. ނަމަވެސް އެވަގުތު ބަދިގެ ހުރީ ދިއްލާފައެވެ. އެހެންކަމުން ރައުލް ބަނޑުހައިވެގެން ބަދިގޭގައި އުޅެނީއޭ ހިތާ އަހަރެން މަޑުމަޑުން އެދިމާއަށް ހިނގައިގަތީމެވެ. ބަދިގެއާ ކައިރިވި ވަރަކަށް އެތަނުގައި ކޮންމެވެސް ބަޔަކު މަޑުމަޑުން ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. ކިޔާ އެއްޗެއް ސާފު ނުވި ނަމަވެސް އެތަނުގައި އެކަކަށްވުރެ ގިނަ މީހުން އުޅޭކަން އަހަންނަށް ދެނެގަނެވުނެވެ. ބަދިގެ ދޮރުމައްޗަށް އެރި ވަގުތު ފެނުނު މަންޒަރަކުން އަހަރެންގެ މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. އަދި ކުއްލިއަކަށް ފާރާ ނިވާވެނުވެ.

ދައްތަގެ ބުރަކަށި އައިސްއަލަމާރީގައި ޖެހިފައި ހުރި އިރު ރައުލް ހުރީ ދައްތަގެ ބޮލުގެ ދެފަރާތުން އައިސްއަލަމާރީގައި ދެއަތް ވިއްދާލައިގެންނެވެ.

"ބުނެފީމެއްނު ދުރަށްދާށޭ! ދުރުގަ ހުރެގެންވެސް ތި ކިޔާ އެއްޗެއް ކިއިދާނެއެއްނު!" އެއިވުނީ ދައްތަގެ އަޑެވެ. ކިތަންމެ މަޑުން ވާހަކަދެއްކި ނަމަވެސް އެ އަޑުގައި ހުރި ނުރުހުމުގެ އަސަރު ވަރަށް ރީއްޗަށް އަހަންނަށް ފާހަގަވިއެވެ.

"އަހަރެން ހިޔެއް ނުކުރަން ރައުލް ތީ ތިހާ ދަށުދަރަޖައިގެ މީހެއްކަމަކަށް" ދަތްކުނޑި ވިކައިގެންހުރެ ދައްތަ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"މާޔާ ހީކުރީ އަހަރެންގެ ހުށަހެޅުމަށް މާޔާ ދެކޮޅު ހެދުމުން އަހަރެންގެ ކިބައިން މިންޖުވެވޭނެ ކަމަށްތަ؟ އަހަރެން މާޔާދެކެ ވީ އާދައިގެ ލޯތްބެއް ނޫނޭ. އަހަރެން އެދުވަހުވެސް ބުނީމެއްނު ހަނދާން ނައްތައެއް ނުލެވޭނެޔޭ. އަހަރެން ކުރަން ބޭނުންވި ކަންތައްތަކުގެ ތެރެއިން މިހާތަނަށް ހަމައެކަނި ނުވެފަ އޮތް ކަމަކީ ތި އަންހެންކުއްޖާގެ ހިތް އަތުލުން." ރައުލްގެ އަޑުގައި އެކުލެވިގެންވަނީ ބަދަލުހިފުމުގެ ރޫހެވެ.

"އަހަރެން ހިކުރީ ރައުލް ކޮއްކޮއާ ގުޅެން ނިންމީ ލޯބިންކަމަށް." ދައްތަ ބުންޏެވެ.

"ހަހަހަހަ. އެއީ މާޔާ ފެންނަ ހިސާބުގައި ހުރުމަށް އަހަރެން ބޭނުންކުރި ހަތިޔާރެއް. އަހަރެން ޝާޔާއާ އިންނަން ނިންމީ މާޔާ ހޯދަން އަހަރެން ކުރި ހުރިހާ ކަމެއް ފްލޮޕްވީމަ." ރައުލް އޮޅުންފިލުވައިދިނެވެ.

ރައުލްގެ ދުލުން ނުކުތް އެ ލަފްޒުތައް ހީވީ ރުވާފައި އަހަރެންގެ ހިތަށް ދޫކޮށްލި ތީރުތަކެއްހެންނެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

"ރައުލް ހީކުރީ ކޮއްކޮއާ އިނދެގެންހުރެ ތިހެން އަހަންނާ ދިމާކުރީމަ ރައުލްއަށް އަހަރެން ލިބޭނެކަމަށްތަ؟ ތިއޮއް އިންޓެލިޖެންޓް މީހާ އެހެން ހީކުރީތީވެސް އަހަރެން ހަމަ އަޖައިބުވެއްޖައިން." މަލާމާތް އެކުލެވިގެންވާ ރާގެއްގައި ދައްތަ ބުނެލިއެވެ.

"ބަލި ގަބޫލުކުރުމަކީ އަހަރެންގެ ނަމަށްވެސް ހުތުރުކަމެއް. މާޔާގެ ކޮއްކޮއަށް އަދި ފެނިފަ އޮންނާނީ އަހަރެންގެ ރަނގަޅު ފަރާތް. އަހަރެންގެ އަނެއް ފަރާތް އޭނައަށް ދެއްކުމާ ނުދެއްކުން އޮތީ މާޔާގެ އަތްމަތީގަ. އަހަންނަށް އެނގޭ މާޔާ ކޮއްކޮދެކެ ލޯބިވާވަރު. މާޔާ މިކަމާމެދު ވިސްނާލާ! ތީވެސް ނުލާހިކު އިންޓެލިޖެންޓް ކުއްޖެއްނު." ރައުލްގެ އެންމެ ފަހުގެ ނިންމުން އިއްވާލިއެވެ.

"ކީއްކުރަން ތި އުޅެނީ؟ އޭނައަށް ދެރަގޮތެއް ނުހަދާތި ޕްލީޒް! އަހަރެން ކީއްކޮށްދެންވީ؟" އެންމެ ފަހުން ދައްތަގެ އަޑުގައި ބަލިކަށިކަން އެކުލެވެން ފެށިއެވެ.

"އަހަރެން ކުރާނެ ކަމެއް އެކަކަށްވެސް އަންދާޒާކޮށްނުލެވޭނެ. އެ ޒިޔާންއާ އެއްކޮށް މާޔާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ މިހިތުގަ ހާދަ ވޭނެއް އަޅަޔޭ. ޒިޔާން ކައިރިން މިނިވަންވެގެން އަހަރެން ކައިރިއަށް އާދޭ. އޭރުން އެއްވެސް ދެރައެއް ނުދީ އަހަރެން ޝާޔާ ދޫކޮށްލާނަން." ރައުލްގެ އަޑުން ފަތަޙައިގެ އަސަރު ފާޅުވިއެވެ.

"އަހަންނަށް ވަގުތުކޮޅެއް ދީ! ކުއްލިއަކަށް ވަރިއަކަށް ނޭދެވޭނެއެއްނު. އެކަމަކު ރައުލް ހަނދާންކުރާތި ތި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން! ތިހެން ކަންތައްކޮށްގެން އަހަރެންގެ ހިތް މިލްކު ކުރެވިދާނެއޭ ހީނުކުރާތި!" ދައްތަ މަސައްކަތްކުރީ ރައުލްއަށް ވިސްނާދެވޭތޯއެވެ.

"ތިހުރިހާ ކަމެއް އަހަންނަކަށް މުހިންމެއް ނޫން. އަހަރެންގެ އެންމެ މުހިންމު މަގުސަދަކީ މާޔާ އަހަރެންގެ މީހަކަށް ހެދުން. އަހަރެންނާ ކައިވެނި ކުރީމަ މާޔާ ތިހެން އެކަނިވެފަ ހުންނާކަށް ނުޖެހޭނެ. އަހަރެން އަބަދުވެސް ހުންނާނީ މާޔާ ކައިރީގަ. ޒިޔާން މާޔާއަށް އަޅާލާވަރަށްވުރެ އެތައް ގުނައެއް އިތުރަށް އަހަރެން މާޔާއަށް ލޯތްބާ އަޅާލުން ދޭނަން. ޓްރަސްޓް މީ! އޭރުން މަޑުމަޑުން މާޔާވެސް އަހަރެން ދެކެ ލޯބިވެދާނެ. ލޯބި ލިބޭނީ ލޯބި ދީގެންނޭ މީހުން ބުނެއެއްނު." އަހަންނާ ވާހަކަ ދައްކާއިރު އަދި ދުވަހަކުވެސް ރައުލްގެ އަޑުން އެފަދަ ލޯބިވެތި ކަމެއް އިޙުސާސެއް ނުކުރެވެއެވެ.

މިއޮއްހާ ދުވަހު އަހަންނަށް މިހުރެވުނީ އަނދިރިގަނޑެއްގެ ތެރޭގައެވެ. ބޮޑު އޮޅުމެއްގެ ތެރޭގައެވެ. އަހަރެންމީ ރައުލްގެ އެދުން ހާސިލުކުރަން ބޭނުންކުރި ހަތިޔާރެކެވެ. ރައުލްގެ ހިތުގައި އަހަރެންގެ މައްޗަށް އެއްވެސްވަރަކަށް ލޯތްބެއް ނުވެއެވެ. އަހަރެންމީ ކިހާ ބޭކާރު މީހެއް ހެއްޔެވެ؟ އެހާ ހަމައަށް ވިސްނުން ދިއުމާއެކު އަހަރެންގެ މޭގައި ރިއްސާލިއެވެ. އަދި ބާރަށް ރޮވިދާނެހެން ހީވުމުން އަނގަމަތީގައި ބާރަށް އަތް އަޅައިގެން އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. އަހަންނަށް އެވާހަކަތައް އަޑުއިވުނުކަން އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއް ނޫނެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަހަންނަށް އަޑު ވީއްލާ ރޮއި ގަނެވުނެވެ. އެހެންކަމުން އަވަހަށް އެނދަށް އަރުމަށްފަހު ބާލީސް ނަގާ އަނގަމަތީގައި އެޅީމެވެ. އަހަރެން ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އަހަންނާ ހެދި ދައްތަގެ ދިރިއުޅުން ބަރުބާދުވާކަށް އަހަރެން ނޭދެމެވެ. ދައްތައާއި ޒިޔާން އެކަކު އަނެކަކު ދެކެ ލޯބިވާވަރު އެންމެ ރަނގަޅަށް އެނގެނީ އަހަންނަށެވެ. އަދި އަހަންނަށް ދެރައެއް ލިބުނަ ނުދިނުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ދައްތަ ފަހަތަށް ނުޖެހޭނެކަންވެސް އެންމެ ރަނގަޅަށް އެނގެނީ ޚުދު އަހަންނަށެވެ. އަހަރެންގެ ފުރާނައަށްވުރެ އަހަރެން ރައުލްދެކެ ލޯބިވެއެވެ. ނަމަވެސް ދައްތަ ޒިޔާން ކައިރިން ހަމަ މިނިވަންވުމާއެކު ރައުލް އަހަރެން ދޫކޮށްލާނެއެވެ. މިހާރުވެސް އަހަންނަކީ ރައުލްއަށް މުހިންމު މީހެއް ނޫނެވެ. ދައްތަ އެހުރީ އަހަރެންގެ ޙައްޤުގައި ދައްތަގެ ހުރިހާ އުފާތަކެއް ޤުރުބާންކުރަން ތައްޔާރަށެވެ. ދައްތަގެ އުފާތަކަށް އޮތް ހަމައެކަނި ހުރަހަކީ އަހަންނެވެ. އެހެންކަމުން ކަންކަން ބޮއްސުންލުމުގެ ކުރިން އަހަރެން މިކަމަށް ކޮންމެވެސް ހައްލެއް ހޯދަން ޖެހޭނެއެވެ.

އެތައް އިރަކު ވިސްނުމަށްފަހު އަހަރެން ގޮތެއް ނިންމީމެވެ. ކަމަކާނުލާ ވަރިއަށް އެދުމުން ރައުލްއާއި ދެފަރާތުގެ ޢާއިލާއިންވެސް އެތައް ސުވާލުތަކެއް ކުރިމަތިކުރާނެކަން އަހަންނަށް އެނގެއެވެ. ކަމުގެ ޙަޤީގަތް އެކަކަށްވެސް އެނގޭކަށް އަހަރެން ނޭދެމެވެ. ރައުލްގެ ލޯބި އަހަންނަށް ނުލިބުނު ނަމަވެސް އެއީ އަހަރެން މިދުނިޔެމަތީގައި އެންމެ ލޯބިވާ ފަރާތެވެ. ކޮންމެ ގޮތެއް ވިޔަސް ރައުލްވެސް އެގޮތަށް ކަންތައް އެކުރީ އޭނާގެ ލޯބީގެ ޙައްޤުގައެވެ. އެކަމުގައި އަހަރެން ރައުލް ކުށްވެރިއެއް ނުކުރާނަމެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އެހެންކަމުން އެއްވެސް މީހަކު ރައުލްއާމެދު ގޯސް ނަޒަރަކުން ދެކޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ރައުލްދެކެ ވަނީ އެއަށްވުރެ މާ މަތިވެރި، މާ ސާފު ލޯތްބެކެވެ. ތިމާ ލޯބިވާ މީހާ ތިމާ ދެކެ ލޯބި ނުވާނަމަ ކުރެވެނީ ކޮން އިޙުސާސެއްކަން މިރޭ އަހަންނަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އެއީ ވޭންދެނިވި ކަމެކެވެ. އެ އިޙުސާސް ލަފުޒަކުން ބަޔާނެއް ނުކުރެވޭނެއެވެ.

ވަރުބަލިވެގެން އަހަންނަށް ނިދުނުއިރުވެސް ރައުލް ކޮޓަރިއަކަށް ނާދެއެވެ. ނަމަވެސް ފަހުން ރައުލް ކޮބައިތޯ ބަލާކަށް އަހަރެން ނުނިކުންނަމެވެ. އަހަންނަށް ހޭލެވުނުކަން ރައުލްއަށް އެނގިދާނެތީ ކުރިން އަހަރެން ރައުލްއަށް ގުޅާފައި އިން ލޮގް ރައުލްގެ ފޯނުން ފޮހެލީމެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހޭލުމަށްފަހު އަހަރެން ހަމަ އާދައިގެ މަތިން ރައުލްއަށް ހުރިހާ ކަމެއް ކޮށްދެމުން ގެންދިޔައީމެވެ. ރައުލްގެ ފަރާތުންވެސް އެއްވެސް ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް އެއީ ދާއިމީކަމެއް ނޫންކަން އަހަންނަށް އެނގެއެވެ. ހިތަށް ކިތަންމެ އުނދަގޫވިނަމަވެސް އަހަރެން މިކަމާ ކުރިމަތިލާނަމެވެ. އަހަރެން ރައުލްދެކެ ވާ ތެދުވެރި ލޯބީގެ ޙައްޤުގައެވެ. އަދި ލޯބިވާ ދައްތައަށްޓަކައެވެ.

ރައުލް އޮފީހަށް ދިއުމުން އަހަރެންގެ މަސައްކަތް ފެށީމެވެ. އަހަރެން ބޭނުންވީ އެއްވެސް މީހަކަށް ނާންގާ ފުރައިގެން ބޭރު ޤައުމަކަށް ދާށެވެ. އެނބުރި ނާންނަގޮތަށެވެ. ދާތަނެއް އެކަކަށްވެސް ނާންގާނަމެވެ. ގޮސް ވަޒީފާއެއް ހޯދައިގެން އަހަންނަށް ކިޔެވިދާނެއެވެ. އެހިސާބަށްގޮސް ވަޒީފާއެއް ލިބެންދެންވެސް ބައްޕަ އަހަރެންގެ އެކައުންޓްގައި އެއްކޮށްފައި ހުރި ފައިސާއިން ދަތިނުވެ އަހަންނަށް އުޅެވޭނެއެވެ. ދިއުމުގެ ކުރިން އަހަރެންދާނީ ވަރިއަށް އެދޭ ފޯމު ފުރާފައި ރައުލްއަށް ލިބޭނެގޮތެއް ހަދާފައެވެ. އެކަމުގައި ގާތް އެކުވެރިންގެ އެހީތެރިކަން އަހަންނަށް ލިބޭނެކަން ޔަޤީނެވެ.

ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އަހަރެންނާއެކީ ސްކޫލްގައި އެއްކޮށް ކިޔަވަން އުޅުނު މައިޝާއަށް ގުޅީމެވެ. އޭނާ ހުންނަނީ މަތީ ތަޢުލީމު ހާސިލުކުރުމަށްޓަކައި މެލޭޝިޔާގައެވެ. ދޭތެރެއަކުން ވައިބަރއިން އަހަރެމެން ވާހަކަދައްކާ ހަދަމެވެ. ހުރިހާ ވާހަކައެއް މައިޝާއަށް ކިޔައި ނުދިންނަމަވެސް ދިރިއުޅުމުގައި މައްސަލަތަކެއް އުޅޭތީ އަހަރެން އެއްވެސް މީހަކަށް ނާންގާ އެކޮޅަށް ދާން ބޭނުންވާކަން ހާމަކުރީމެވެ. އަހަންނަކީ ނުވިސްނާ އެއްވެސް ކަމެއް ކުރާނެ މީހެއް ނޫންކަން މައިޝާއަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެހެންކަމުން އޭނާ ހުރީ އަހަންނަށް އެހީތެރިވެދޭން ތައްޔާރަށެވެ.

ހުރިހާ ކަމެއް ހަމަޖެހުނީ އަހަރެން ހީވެސްނުކުރާހާ އަވަހަށެވެ. އަހަރެން ކަމެއް ކުރަން އުޅޭކަން އެނގޭނީ ހަމައެކަނި މައިޝާއަށާއި އެކުވެރި ޒީނާއަށެވެ. އެއަރޕޯޓަށް ދިއުމަށްޓަކައި ޒީނާގެ ބޭބެގެ ލޯންޗު އަހަންނަށް ހަމަޖައްސައިދިނެވެ. ހަނީމޫން ދިއުމަށްޓަކައި ޕާސްޕޯރޓް ހައްދާފައި އޮތުމުން އެކަމުގައިވެސް އެއްވެސް މައްސަލައެއްނެތެވެ. އެކޮޅަށް ގެންދަން ބޭނުންވާ ސާމާނު އެކި ދުވަސްމަތިން އަހަރެން ކޮލެޖަށްދާއިރު ދަބަހަށް އަޅައިގެން ގެންގޮސް ޒީނާމެންގޭގައި ބަހައްޓަމުން ދިޔައީމެވެ. އަދި ވަރިއަށް އެދޭ ފޯރމާއި ރައުލްއަށާއި އަހަރެންގެ ޢާއިލާއަށް ދިނުމަށްޓަކައި ދެ ސިޓީ ލިޔެފައި ޒީނާއާ ހަވާލުކުރީމެވެ. އަހަރެން ފުރުމުން އެ ތަކެތި ހަވާލުކޮށްދިނުމަށް އެދުނީމެވެ. އެއްވެސް ސިޓީއެއްގައި އަހަރެން މިގޮތަށް ކަންތައް މިކުރާ ސަބަބު ހާމައެއް ނުކުރަމެވެ. ނަމަވެސް މި ފިޔަވަޅު ނަގަންޖެހުނީ މަޖުބޫރެއް އޮވެގެންކަމުގައި ލިޔުނީމެވެ. އަދި މަންމައާއި ބައްޕަވެސް އަހަންނަށް އިތުބާރުކޮށް މަޢާފުކޮށްދިނުމަށާއި އެއްވެސް މީހަކު އަހަރެން ހޯދަން މަސައްކަތް ނުކުރުމަށްވެސް އެދުނީމެވެ. އަހަރެން އެނބުރި ނާންނަގޮތަށް ދިޔަކަމުގައި ވީނަމަވެސް ހުރިހާ ކަމެއް ހަމަޖެހުމުން މަންމަމެންނާ ގުޅާނަންކަމުގައި ލިޔުނީމެވެ. ސަބަބު ނުބުނިކަމުގައި ވީނަމަވެސް އަހަރެން އެކަން އެގޮތަށްކުރީ ކީއްވެކަން ދައްތައާއި ރައުލްއަށް ވިސްނޭނެކަން އަހަންނަށް އެނގެއެވެ.

އަހަރެން ޓިކެޓް ނެގީ ދަންވަރުގެ ފްލައިޓަކުންނެވެ. ފުރަން ހަމަޖެހިފައި އޮތް ރޭ ގްރޫޕް އެސައިމެންޓެއް ހެދުމުގެ ބަހަނާގައި ނުވައެއް ޖަހާފައި ހުއްޓާ އަހަރެން ޒީނާމެންގެއަށް ދިޔައީމެވެ. އަދި ޒީނާގެ ބޭބެގެ އެހީގައި ބަނދަރުމަތީގައި މީހުން ނެތް ވަގުތެއް ބަލާފައި އެއަރޕޯޓަށް ދިއުމަށްޓަކައި ލޯންޗްގައި ފުރީމެވެ. ލޯންޗަށް އަރާފައި އަހަރެން ބޭނުންކުރާ ހުރިހާ ސޯޝަލް މީޑިއާއެއްގެ އެކައުންޓަތައް ޑީއެކްޓިވޭޓް ކުރީމެވެ. އަދި ސިމްކޮޅު ނަގާ މޫދަށް އެއްލާލީމެވެ. ލޯންޗް ރަށާ ދުރުވަމުންދިޔަ ވަރަކަށް އަހަރެންގެ ލޯ ކަރުނުން ފުރެމުން ދިޔައެވެ. އަހަރެން މީ ދުވަހަކު އެކަނި ރަށުން ބޭރަށް ދިޔަ މީހެއް ނޫނެވެ. މަންމައާއި ބައްޕަ އަދި ދައްތައަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައެވެ. އެމީހުންނާ ނުލާ އުޅޭނެ ގޮތެއްވެސް އަހަންނަކަށް ނޭންގެއެވެ. އެކަހަލަ ޚިޔާލުތައް ސިކުނޑިއަށް ވެރިވާން ފެށުމުން އަނބުރާލާފައި ދާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ދައްތަގެ ގޮތް ހުސްވެފައިވާ މޫނު އަހަންނަށް ސިފަވާން ފަށައެވެ. އަދި އަހަރެން ރައުލްދެކެ ވީ ލޯބީގެ ވިންދު ހިތުގައި ޖަހާލައެވެ. ރައުލް އެހެން މީހަކާއެކު އުޅޭތަން ދެކޭކަށް އަހަންނަށް ކެތެއް ނުކުރެވޭނެއެވެ. އަދި އެވެސް އަހަރެންގެ ލޯ ކުރިމަތީގައި އަހަރެންގެ ދައްތައާއެކުއެވެ. އެހެންކަމުން އަހަރެން އަމިއްލަ ނަފްސާ ހަނގުރާމަކުރަމުން ދިޔައީމެވެ. އަހަރެން ކެތް ކުރާނަމެވެ. މި ހަނގުރާމައިގައި ކާމިޔާބު ހޯދާނަމެވެ.

ފްލައިޓަށް އެރުމަށްފަހު އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. އެހާ ހިސާބަށް އާދެވެންދެންވެސް އަހަރެން އިނީ މީހަކަށް އެނގިގެން އައިސް އަހަރެން ހުއްޓުވާފާނެތީ ހިތް ނުތަނަވަސްވެފައެވެ. ސީޓުގައި ހަމަޖެހިލުމަށްފަހު އަހަރެން މަޑުމަޑުން ބަނޑުގައި ފިރުމާލީމެވެ. އެއީ އެކަކަށްވެސް އަދި ނޭންގޭނެ ޙަޤީގަތެކެވެ. އަހަރެން ރައުލްއާ ވަކިވިއެއްކަމަކު އަހަރެންގެ ހަށިގަނޑުގައި ރައުލްގެ ނިޝާނެއް އެބަ އަށަގަނެއެވެ. އަހަންނަށް އެކަން އެނގުނީ ރައުލްގެ ޙަޤީގަތް އެނުގުނުތާ އެއްދުވަސް ފަހުންނެވެ. މި ފިޔަވަޅު އެޅުމަށްޓަކައި އަހަންނަށް އެހާ ބޮޑު ހިތްވަރެއް ލިބުނު މައިގަނޑު އެއް ސަބަބަކީ އެޔެވެ. އަހަރެން އެ ދަރިފުޅަށް އެއްވެސް ޙަޤީގަތެއް ނާންގާނަމެވެ. އަހަރެން އެދަރިފުޅަށް އަންގާނީ ބައްޕަގެ ރަނގަޅު ފަރާތެވެ. ދަރިއެއް ހުރިކަން ރައުލްއަށް އެންގުމަކީ ރައުލްއަށް ލިބިގެންވާ ޙައްޤެއްކަން އަހަންނަށް އެނގެއެވެ. ނަމަވެސް ރައުލްއަކީ ކިހާ އަމިއްލަ އެދުން ބޮޑު މީހެއްކަން އަހަންނަށް މިހާރު އެނގިއްޖެއެވެ. އޭނާގެ އެދުން ފުއްދުމަށްޓަކައި ދަރިފުޅަށް ދެރައެއްދޭކަށްވެސް އޭނާ ފަހަތަކަށް ނުޖެހޭނެއެވެ. އެހެންކަމުން އެއްވެސް ހިރާހެއް ނަގަން އަހަރެން ބޭނުންނުވީއެވެ. އަހަރެން މި ފިޔަވަޅު ނެގީ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައެވެ. ދެން އެނބުރި ފަސް ބެލުމެއް ނެތެވެ. ޙަޤީގަތް އަހަރެން ދުނިޔޭގެ ލޯމައްޗަށް ފަރުދާކުރާނަމެވެ.

(ނިމުނީ)  

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ikaan

    Nimun varah salhi. Waiting for another story!! ❤️

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ