މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ޤައިދީންނަށާއި ބަންދުމީހުންނަށް ވީޑިއޯ ކޯލް މެދުވެރިކޮށް ޢާއިލާއާ ބައްދަލުކުރުމުގެ އިންތިޒާމު އެފަރާތުން ހަމަޖައްސައިފިއެވެ.
އެގޮތުން އެ ސަރވިސްއިން ވިދާޅުވެފައިވަނީ، އެ ސަރވިސްއިން އާންމުކޮށްފައިވާ ޤައިދީންނާއި ބަންދުމީހުންނަށް ވީޑިއޯ ކޯލު ދިނުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލަށް މިއަދު ޢަމަލުކުރަން ފަށައި، އެ ސަރވިސްގެ ވެބްސައިޓްގައި އެ އުސޫލު ޝާއިޢުކޮށްފައި ވާކަމަށެވެ.
އެގޮތުން ވީޑިއޯ ކޯލް ދިނުމުގެ މަޤްސަދަކީ، ދިމާވާ ކުއްލި ޙާއްލަތްތަކުގައި، ޢާއިލީ ބައްދަލުވުން އެސަރވިސްއިން މެދުކަނޑާލަން ޖެހޭ ޙާލަތްތަކުގައްޔާއި، ޢާއިލީ ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތް ނުކުރެވޭ ޢާއިލާތަކަށާއި އަދި އެނޫންވެސް ޟަރޫރީ ޙާލަތްތަކުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ޢާއިލާ މެމްބަރުންނާ ބައްދަލުކޮށް ޢާއިލާއާ އޮންނަ ގުޅުމަށް ހީނަރުކަމެއް އަޔަނުދީ، އެގުޅުން ހެޔޮގޮތުގައި ދެމެހެއްޓުން ކަމުގައި ކަރެކްޝަންސް އިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، އެ ސަރވިސްއިން އެއްވެސް ޙާލަތަކާ ގުޅިގެން ވަކީލު ބައްދަލުވުންތައް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަކީލުންނާ ވެސް ބައްދަލު ކުރެވޭނެ ގޮތް މި އުސޫލުގައި ބަޔާންކޮށްފައިވާނެކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
އަލަށް އެކުލަވާލެވުނު އުސޫލުގައިވާ ގޮތުން ކޮންމެ ޤައިދީއަކަށާއި ބަންދުމީހަކަށް ޢާއިލީ ބައްދަލުވުމުގެ ގޮތުގައި “ސްކައިޕް” މެދުވެރިކޮށް މަހަކު 2 ފަހަރު 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ވީޑިއޯ ކޯލުގެ ފުރުޞަތު ލިބިގެންދާނެ އިތުރު ޙާލަތްތަކެއް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އެ ގޮތުން ޢާއިލާ މެމްބަރަކު ބަލި ޙާލަތު ބޮޑުވެ އެޑްމިޓްކޮށްފައިވަނިކޮށް، ޤައިދީ ނުވަތަ ބަންދުމީހާ ނުގެންދެވުމާއި ޢާއިލާ މެމްބަރެއްގެ ޖަނާޒާގައި ބައިވެރިވުމަށް ނުގެންދެވުމާއި އަނިބިމީހާ ވިހެއުމާ ގުޅިގެން ނުގެންދެވުމާއި ދަރިފުޅު ހިތާނަ ކުރުމާ ގުޅިގެން ނުގެންދެވޭ ހާލަތްތަކުގައި ވެސް 15 މިނެޓުގެ ވީޑިއޯ ކޯލެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އެ ސަރވިސް އިން ވިދާޅުވެފައިވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލީ ބައްދަލުވުމަށް ހޯދަން އެދޭ ފަރާތްތަކުން 2020 އޭޕްރީލް 05 ވަނަ ދުވަހުން ފެށިގެން އެކަމަށް އެދި ފޯމް ހުށަހެޅުމުން އެ ބައްދަލުވުމުން އިންތިޒާމު ހަމަޖެހިގެންދާނެކަމަށެވެ.
މިކަމަށް އެދޭ ފޯމް އެސަރވިސްގެ ވެބްސައިޓް www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމޭލް ކުރުމުން ބައްދަލުވުމެއް ހަމަޖެހިގެންދާނެކަމަށާއި، އަލަށް އެކުލަވާލި މި އުސޫލު އެސަރވިސްގެ ވެބްސައިޓުން https://corrections.gov.mv/aanmu-usoolu އިން ފެނިވަޑައިގަންނަވާނެ ކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.




