އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް، އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެއަށް ގެނެސްފިއެވެ.
ފޮރިން މިނިސްޓްރީއިން ވިދާޅުވީ، މިބޭސްތަކަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އޯޑަރުކޮށްފައިވާ ބޭހުގެ ބާވަތްތަކެވެ.

މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 6.2 ޓަނުގެ ބޭސް. މި ބޭސްތަކުގެ ތެރޭގައި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންކުރެވޭ ބޭހުގެ ބާވަތްތަކާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ޖެހޭ ޒަރޫރީ ބައެއް މުހިއްމު ބޭސްތައް ހިމެނޭ. މި ބޭސްތައް އިންޑިއާގެ އެކި ސިޓީތަކުން ނަގައި، ރާއްޖެއާއި ހަމަށް ގެނެސްދީފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކުގައި." ފޮރިންގ މިނިސްޓްރީއިން ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ، މިފަދަ މުހިއްމު ދަނޑިވަޅެއްގައި، އަދި އިންޑިއާގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުން ހުއްޓާލާފައި މިވަގުތު، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެއްވި މި އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ޚާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖެއިން މިހާރުވަނީ 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 4 ދިވެހިން ހިމެނޭ އިރު، މި އެންމެންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެ އައިސްފައިވާ މީހުންނެވެ.




