އަސްކަރިއްޔާގެ ކުރީގެ ކެޕްޓަންއެއް ކަމަށްވާ އަބްދުލް މަޖީދު

މުޖީބުއް ރަހުމާން އަވަހާރަކޮށްލުމުގައި ބައިވެރިވި މީހަކު ދަންޖައްސައިފި

ބަންގުލަދޭޝްގެ ބާނީ އަދި ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާގެ ބައްޕާފުޅު ޝޭހް މުޖީބުއްރަހްމާން އަވަހާރަކޮށްލުމުގައި ބައިވެރިވި، އެގައުމުގެ އަސްކަރިއްޔާގެ ކުރީގެ ކެޕްޓަންއެއް ކަމަށްވާ އަބްދުލް މަޖީދު ދަންޖައްސާ މަރާލައިފި އެވެ.

އަބްދުލް މަޖީދު ދަންޖައްސާ މަރާލައިފައިވަނީ ރައީސްގެ އަރިއަހުން މަރުގެ އަދަބުން ސަލާމަތް ކޮށްދިނުމަށް އެދުނު އެދުން މިހަފްތާގައި ބަލައި ނުގަންނަކަން އަންގާފައި ވަނިކޮށް ރޭ ދަންވަރު ޑާކާ ސެންޓްރަލް ޖަލުގައެވެ.

ބަންގުލަދޭޝް ސިފައިން އަބްދުލް މަޖީދު ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅޭތާ 25 އަހަރު ދުވަސްފަހުން މިދިޔަ އަންގާރަ ދުވަހުއެވެ.

ޝޭހް މުޖީބުއްރަހްމާން އަވަހާރަ ކޮށްލައިފައިވަނީ އަސްކަރީ ބަގާވާތެއްގައި 1975 ވަނަ އަހަރުއެވެ. މިހާދިސާގައި މުޖީބުއްރަހްމާނުގެ އަނބިކަނބަލުންނާއި އަދި ތިން ދަރިކަލުންނާއި ކޮއްކޯފުޅުވެސްވަނީ އަވަހާރަ ވެފައެވެ. މިހާދިސާގައި އެއާއިލާއިން ހަމައެކަނި ސަލާމަތްވެފައިވަނީ ބަންގުލަދޭޝްގެ މިހާރުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާއާއި އަދި ކޮއްކޯފުޅު ޝޭހް ރިހާނާ އެވެ.

ބަންގުލަދޭޝްގައި އޭރު އޮތް ސަރުކާރު ވައްޓާލުމަށް އަސްކަރީ ބަގާވާތް ގެނެވުނުއިރު މި ދެބޭކަނބަލުން ހުންނެވީ ޖަރުމަނުގައެވެ.

ޝޭހް މުޖީބުއްރަހްމާން އަސްކަރީ ބަގާވާތަކުން މަރާލައިފައިވަނީ ޕާކިސްތާނުގެ ކިބައިން ބަންގުލަދޭޝް މިނިވަންވިތާ ފަސްވަނަ އަހަރުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ