ލަންކާއިން އަނެއްކާވެސް ތިން ދިވެހިން ހައްޔަރުކޮށްފި

އަވައްޓެރި ސްރީލަންކާއިން އަނެއްކާވެސް ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި، ލަންކާގެ ޗެކް ޕޮއިންޓަކުން ހައްޔަރުކުރި ތިން ދިވެހިން މިހާރު ތިބީ މީތިޔާގޮޑާ ޕޮލިސް ސްޓޭޝަންގައެވެ.

ލަންކާ ފުލުހުން ވިދާޅުވެފައިވަނީ، ތިން ދިވެހިން ހައްޔަރުކޮށްފައިވަނީ "ތުހުމަތެއް" ކުރެވިގެން ކަމަށާއި، މާދަމާ އެމީހުން ކޯޓަށް ހާޒިރުކުރާނެ ކަމަށެވެ. ނަމަވެސް ކުރެވޭ ތުހުމަތުގެ ތަފްސީލެއް ލަންކާ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ލަންކާއިން ތިން ދިވެހިން ހައްޔަރު ކޮށްފައި މިވަނީ ހަ ދިވެހިން ހައްޔަރުކޮށް، އޭގެ ތެރެއިން ހަތަރު ދިވެހިން މިއަދު ދޫކޮށްލާފައިވަނިކޮށެވެ. މިއަދު ދޫކޮށްލި 4 ދިވެހިން ހައްޔަރުކޮށްފައިވަނީ ރައިފަލެއްގެ މައްސަލައިގައެވެ. އަދި މިހާރު ބަންދުގައި ހުރި 2 ދިވެހިން ހައްޔަރުކޮށްފައިވަނީ އައިއެސް އާ ގުޅުންހުރި ފޮތެއްގެ މައްސަލައިގައެވެ.

އަވަށްޓެރި ސްރީލަންކާގައި އުޅޭއިރު އެޤައުމުގެ ޤާނޫނުތަކަށް ބޯލެނބުމަށް ދިވެހި ސަރުކާރުން ވަނީ އެޤައުމުގައި އުޅޭ ދިވެހިންނަށް އިލްތިމާސް ކޮށްފައެވެ.

ސްރީލަންކާގައި މިމަހުގެ 21 ވީ އާދީއްތަ ދުވަހު ދިން ވަރުގަދަ ބޮމުގެ ހަމަލާތަކަށްފަހު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށް، ބަލާ ފާސްކުރުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ