ފޮޓޯ: މިހާރު

ރާއްޖެތެރެއަށް މުދާ އެތެރެކުރުމަށް މަގު ފަހިކޮށްދޭނަން: އެމްޕީއެލް

ކޮވިޑް-19 އާއި ގުޅިގެން މާލޭ ލޮކްޑައުން ކޮށްފައިވާ މިދަނޑިވަޅުގައި ރާއްޖެތެރެއަށް މުދާ އެތެރެކުރުމަށް އިތުރަށް މަގު ފަހިކޮށްދޭނެކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑު (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ، ޚާއްސަ ޑެސްކެއް ބަހައްޓައިގެން ރަށްރަށަށް ލަފާ ފުރުމުގެ ކަންކަން ކުރިއަށް ގެންދާކަމަށެވެ.

"ނޯތު ޕޯޓު އަދި ޓީ ޖެޓީ ސަރަޙައްދުން މުދާ ބަރުކޮށްގެން ރަށްރަށަށް އަދި ރިސޯތްތަކަށް ގެންދިއުމުގެ މަސައްކަތް ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ ޑެސްކެއް އެސަރަޙައްދުގައި ބަހައްޓަށް އެބަ މަސައްކަތްކުރަން." ޝާހިދު ވިދާޅުވިއެވެ.

އެގޮތުން އެ ސަރަޙައްދުގައިވެސް ބެހެއްޓޭ މިޚާއްސަ ޑެސްކުން މެދުވެރިކޮށް ރަށްރަށަށް ލަފާ ފުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ، މިޚާއްސަ ޙާލަތުގައި ކްލިއަރެންސްގެ މަސައްކަތްކުރިއަށް ގެންދާއިރު، އާންމު ޢުޞޫލުން ހުޅުމާލެ ޕޯޓްގެ މަސައްކަތް ނުކުރާނެކަމަށާއި، ނަމަވެސް ވަކި ޚާއްސަ ޙާލަތެއްގައި ހުޅުމާލެ ޕޯޓަށް އެއްޗެއް ގެންދަން ކޮންމެހެން ޖެހިއްޖެކަމަށްވަންޔާ އެފުރުޞަތު ފަހިކޮށްދޭނެކަމަށެވެ.

މާލެއިން ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކެއް ފެނުމާއި ގުޅިގެން މާލެ ލޮކްޑައުންގެ ޙާލަތަށް ގެނެސްފައިވާއިރު، 2020 އެޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން، މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށެއްގައި، ވަކި ގޮތެއް އަންގަންދެން ޝަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ސަރުކާރުންވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ