މެދުރާއްޖެރެއާއި ދެކުނުގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މިރޭ 23:30 އިން ފަތިހު 04:00 އަށް ވައިޓް އެލާޓް ނެރެފައިވަނީ ތ. އަތޮޅުން ފެށިގެން ހުވަދޫ އަތޮޅާ ދެމެދަށެވެ.
މި ސަރަހައްދަށް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، އެލާޓްގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
Heavy rain and thunderstorms expected. pic.twitter.com/hgQ6IONUtH
— Maldives Meteorology (@MetMaldives) April 23, 2020
މާދަމާ ހެނދުނު 08:00 ގެ ނިޔަލަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި، ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވާ ކަމަށެވެ.




