އެމެރިކާގެ ފުލޮރިޑާގެ ޓީޗަރުންނަށް އެ ޓީޗަރުން ކިޔަވައިދޭ ކުލާހަށް ބަޑި ގެންދެވޭނެ ބިލެއް ފާސްކޮށްފިއެވެ.
މިފަދަ ބިލެއް ފާސްކޮށްފައި މިވަނީ ޕާކްލާންޑްގެ މާޖޯރީ ސުޓޯންމޭން ޑޮގްލަސް ހައިސުކޫލް ގައި ދަރިވަރަކު ބަޑިން ހަމަލާދީ 17 މީހުން މަރާލާ އަދި އިތުރު 17 މީހުން ޒަހަމްކޮށްލުމާއި ގުޅިގެން މިފަދަ އިތުރު ހާދިސާއެއް ހިނގިޔަ ނުދިނުމުގެ ގޮތުންނެވެ.
ޑޮގްލަސް ހައިސުކޫލުގައި ބަޑިން ހަމަލާދީ 17 މީހުން މަރާލުމާއި ގުޅިގެން ބަޑި ގެންގުޅުން މަނާކޮށްދޭން އެދި އެތަކެއް ދަރިވަރުންނާއި އާންމުރައްޔިތުންވަނީ ގޮވާލައިފައެވެ. ނަމަވެސް ފުލޮރިޑާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިވަނީ ގާނޫނެއްގެ ދަށުން ސުކޫލުގައި ބަޑި ގެންގުޅެވޭނެ ފުރުސަތު ދީފައެވެ.
މި ބިލުގައި ވާގޮތުން ކުލާހަށް ބަޑި ގެންދެވޭނީ 144 ގަޑި އިރުގެ ޓުރެއިނިން ކޯހެއް ފުރިހަމަ ކުރުމަށް ފަހުގައެވެ.
ސުކޫލް ތަކުގައި ދެވޭ ބަޑީގެ ހަމަލާތައް ކޮންޓްރޯލް ކުރުމަށް ޓީޗަރުންނަށް ބަޑި ގެންގުޅެވޭނެ ހުއްދަ ދިނުމީ އެންމެ އެކަށޭނަ ފިޔަވަޅުތޯ އިދިކޮޅު ފަރާތްތަކުންދަނީ ސުވާލު އުފައްދަމުންނެވެ.
އެމެރިކާ ސުކޫލް ތަކަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނަ އަދަދަކަށް ބަޑީގެ ހަމަލާތައް ދެވޭ ސުކޫލުތައްކަން ފާހަގަ ކޮށްލެވެއެވެ. އަދި މިފަދަ ހަމަލާ ތަކުގައި ކޮންމެ އަހަރަކުވެސް އެތަކެއް ސަތޭކަ ބަޔަކު މަރުވެއެވެ.



