ކުޅުދުއްފުށި އަމީނީމަގު - ފޮޓޯ: ފެށުން

ޓާސްކް ފޯސްއަށް އަންގާވެސް ނުލާއި މާލެއިން ބަޔަކު ކުޅުދުއްފުއްޓަށް ފޮނުވާލައިފި

ހދ. ކުޅުދުއްފުށީ ޓާސްކް ފޯސްއަށް އަންގާވެސް ނުލާއި މާލެއިން ބަޔަކު ކުޅުދުއްފުއްޓަށް ފޮނުވާލައިފިއެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްގެ އޮފިޝަލަކާއި ޙަވާލާދީ ކޭއޯގައި ބުނެފައިވަނީ، މާލެއިން ކުޅުދުއްފުއްޓަށް އެ މީހުން އަންނަކަން ޓާސްކް ފޯސްއަށް އެނގުނީ ނުރަސްމީކޮށް ގާތްގަނޑަށް ފްލައިޓް ޖައްސަން ކުޑަވަގުތު ކޮޅަކަށްވެފައިވަނިކޮށް ކަމަށެވެ. އަދި އެމީހުން އައިސްފައިވަނީ މޯލްޑިވިއަން ފްލައިޓެއްގައިކަމަށްވެސް އޮފިޝަލްވަނީ ވިދާޅުވެފައެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނިކޮށް ރަށްރަށުގައި އެ މީހުން ކަރަންޓީނުކުރާނެ އިންތިޒާމުތައް ފުރިހަމަނުކޮށް، އަދި މިހާލަތުގައި ޓާސްކް ފޯސްއަށް ނާނގަ މާލެއިން ބަޔަކު ފޮނުވާލުމަކީ ޒިންމާދާރުކަން ކުޑަ ފިނޑި އަމަލެއް ކަމަށް އޮފިޝަލް ވިދާޅުވެފައިވާއިރު، ރަށަށް އަންނަން ބޭނުންވެގެން ނަންނޯޓުކޮށްފައިވާ އެތަށްބަޔަކު ވަނިކޮށް ވަކިބަޔަކަށް އާދެވުމަކީ ހިތާމަކުރާ ކަމެއްކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދި ކަރަންޓީނުކުރާނެ އިމާރާތައް ޓާސްކް ފޯސްއިން ކަނޑައަޅާފައިވީނަމަވެސް އެ އިންތިޒާމުތައް ސަރުކާރުން މުޅި ފުރިހަމަކޮށްދީފައި އަދި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މިފްލައިޓްގައި ޖުމްލަ 7 މީހުންވަނީ ގެނެސްފައެވެ. އޭގެތެރެއިން ދެ މީހުން ހދ. ކުމުންދޫއަށް ނިސްބަތްވާއިރު، އަނެއް ފަސް މީހުންނަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ރަށަށް ދެވޭނެ ޢުޞޫލު ތަންފީޒުކުރަން މިހާރު ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުވަނީ މިއަދު ވިދާޅުވެފައެވެ.

ޓޫރިޒަމް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޮކްޑައުންއާއި ގުޅިގެން މާލޭގައި ތާށިވެފައިވާ ރައްޔިތުންނަށް ރަށަށް ދެވޭނެ ޢުޞޫލު ތަންފީޒުކުރަން މިހާރު ފަށާފައިވާކަމަށެވެ. އަދި މިހާރު ދިމާވެފައިވާ ހާލަތުން ރާއްޖެއަށް އަރައިގަނެވޭނެ ކަމަށާއި މާތް ﷲ އިރާދަފުޅާއެކު، މި ބަލީގެ ޗާޓުން  ފެންނަ ގުދު ސީދާ ކުރެވޭނެ ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ފުރަބަންދުގެ ސަބަބުން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްވަރާތައް ކުރެވި އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރޭ ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވިދާޅުވެފައިވާއިރު، ރަށްރަށަށް ދަތުރުކުރެވޭނެ ގޮތްތައް ބަޔާންކޮށް އެކުލަވާލާފައިވާ އުސޫލު މިއަދު އިއުލާނުކުރާނެ ކަމަށެވެ.

ވެރިރަށް މާލޭ ލޮކްޑައުން ކޮށްފައިވުމާއި ގުޅިގެން ރަށަށް ނުދެވި އެތަށް ބަޔަކުވަނީ މާލޭގައި ތާށިވެފައެވެ. މާލޭގައި ދިރިއުޅޭނެ ގޮތެއްނެތި ގިނަ ބަޔަކު ގޮސްހުސްވެ ހާލުގައި ޖެހިފައިވާއިރު، އެކަމުގެ ޝަކުވާތައް މިވަނީ އިންތިޙާއަށް އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ