ކޮވިޑް-19: ކްލޯސް ކޮންޓެކްޓް ގެ ގޮތުގައި ބެލެވޭނީ ކޮންބައެއް؟

މުޅި ދުނިޔޭގައި ވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 މި ވަނީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުތެރޭގައިވެސް ހީ ނުކުރާވަރަށް ފެތުރިފައެވެ.

ދުނިޔޭގެ ކުރި އަރާފައިވާ ބޮޑެތި ޤައުމުތަކުން މި ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެދެވޭ މާބޮޑު ނަތީޖާ ތަކެއް އަދި ނެރެވިފައި ނުވާއިރު އަޅުގަނޑުމެން ފަދަ ކުޑަ މުޖުތަމަޢުތަކުގައި މި ބަލި ފެތުރިގެން ގޮސްފިނަމަ އޭގެ އަސަރު މުޅި މުޖުތަމަޢަށް ނުކޮށް ނުދާނެއެވެ.

ބަލީގެ ބިރުވެރިކަން އިންތިހާއަށް ބޮޑެވެ. ނޭނގި ހުއްޓާ ކުއްލިއަކަށް ފެތުރިއްޖެނަމަ، އަދި ނުރައްކާ ވަކިން ބޮޑުވާނެއެވެ. އެހެން ކަމުން މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާތުތަކަށް ތަބާވުމަކީ ކޮންމެހެން ކުރަން ޖެހޭކަމެވެ. އެންމެ މީހެއްގެ ފަރާތުން މުޅި މުޖުތަމަޢު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިދާން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

މި ބައްޔަށް ފަރުވާއެއް ހޯދިފައިނުވާއިރު، މުޅި ދުނިޔެ ދަނީ އެކަމަށްޓަކައި ކެނޑިނޭޅީ މަސައްކަތް ކުރަމުންނެވެ. ބައެއް ޤައުމުތަކުން ފަރުވާއެއް ހޯދިފައިވާ ކަމަށް ބުނި ނަމަވެސް، މި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. މި ބައްޔަށް މީހަކު ޕޮޒިޓިވް ވެއްޖެނަމަ އޭނަ އާއި ކޮންޓެކްޓް ވެފައިވާ މީހުން ހޯދައި އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތްތައް ކުރެވެއެވެ.

އެހެން ކަމުން ކްލޯސް ކޮންޓެކްޓްސް ގެ ގޮތުގައި ބަލަކީ ކޮން ފަރާތްތަކެއްކަން އެނގިފައި ހުރުމަކީ މުޙިންމުކަމެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވިދާޅުވެފައިވަނީ ބަލި ޖެހިފައިވާ މީހަކާއި ނުވަތަ ޝައްކު ކުރެވޭ ފަރާތަކާއި އެއް ކޮޓަރިއެއްގައި ނުވަތަ އެއްގެއެއްގައި އުޅޭ މީހުން ވަނީ ކްލޯސް ކޮންޓެކްޓް އެއްގެ ގޮތުގައި ކަމަށެވެ. އަދި ކޮވިޑް-19 ޖެހިފައިވާ ނުވަތަ ޝައްކު ކުރެވޭ ފަރާތަކާއި އެއްކޮށް ގިނަ ވަގުތު ހޭދަކޮށްފައިވާ ފަރާތްތަކާއި އަދި އެއްތަނެއްގައި މަސައްކަތް ކުރާ މީހުންވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 ބަލި މީހަކާއި އެކު، ކާރު ފެރީ ފަދަ އުޅަނދެއްގައި ތިމާ ވަށައިގެން 3 ފޫޓަށްވުރެ ކައިރިން ދިމާވެފައިވާ މީހުންވެސް ކްލޯސް ކޮންޓެކްޓްސްގެ ތެރޭގައި ހިމެނޭނެ ކަމަށް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

މިފަދަ ނުރައްކާތެރި ބައްޔަކުން ސަލާމަތް ވުމަށްޓަކައި އަމިއްލައަށް ފަރުދީ ޒިންމާ އަދާކުރުމަކީ ވަރަށް މުޙިންމުކަމެކެވެ. އަދި ބޭރަށް ނިކުމެ އުޅުމުގެ ބަދަލުގައި ގޭގައި މަޑު ކުރުމުން ކޮންޓެކްޓް ވާ މީހުންގެ އަދަދު އެތައް ތަނެއް މަދު ކުރެވި ބަލިި ފެތުރުން ހުއްޓުވޭނެއެވެ.

ރާއްޖޭގައި މިހާތަނަށް މި ބައްޔަށް 527 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އެކަކު ނިޔާވެފައިވާއިރު 6 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ